ށ. ފޭދޫގެ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ކޮށްފައިވާ ޒިނޭގެ ދައުވާ އަނބުރާ ނުގެންދާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވިގޮތުގައި އެ ދައުވާ އަނބުރާ ނުގެންދާން ނިންމާފައި ވަނީ އަންހެން ކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު ޒިނޭ ކުރިކަން ތަހުގީގުން އެނގޭން އޮތުމުން ކަމަށް ވާތީ އެވެ.

އޭނާ ވިދާޅުވީ އެހެން މީހަކާ އެކު އެ އަންހެން ކުއްޖާ ޒިނޭކުރިކަން ފެންމަތިވީ ދޮންބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ލިބުނު ދަރިފުޅު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ކަމަށެވެ.

އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެކުއްޖާގެ ދޮންބައްޕަ އޭނާއާ ޖިންސީ ގުޅުން ހިންގި މައްސަލައާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރިނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ހުށަހަޅާފައި ވަނީ ޖުވެނައިލް ކޯޓަށެވެ. އަދި އެ ކޯޓުގައި މިހާރު ވަނީ އެ ކުއްޖާގެ ޝަރީއަތް ވެސް ފަށާފަ އެވެ.

އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ކަމަށްވާ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44، އާއި އެކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ވަނީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.

އެ ދައުވާގެ އިތުރުން ދޮންބައްޕަގެ މައްޗަށް ވަނީ އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ.