އުސްފަސްގަނޑު ސަރަހައްދު ހޯދުމަށް ދައުލަތުން ކުރިދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ދިޔައިރު އެތަން ހައުސިން މިނިސްޓްރީ އަށް ނެގުމަށް ނިންމާފައިވާ ވަޒީރުންގެ މަޖިލީހުގެ ނިންމުމެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހެން ބުނީ ހަތް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކައުންސިލުން އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީ އާ ހަވާލުކުރާން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ކައުންސިލްގެ ފަރާތުން ސިވިލް ކޯޓުގައި އެކަން ފާހަގަ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ އުސްފަސްގަނޑު ބަޔަކާ ހަވާލުކޮށްފައި ވަނީ އެތަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީއާ ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމާއި އަދި ލޯކަލްކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުގައިވާ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާ ޚިލާފަށް ކަމަށް ދައުވާގައި ބުނާއިރު ސިޓީ ކައުންސިލުން ޚިލާފުވެފައި ވަނީ އެ ގަވާއިދުގެ ކޮންކޮން މާއްދާތަކަށް ކަމަށް ސާފުކޮށް އެނގެން ނެތްކަމަށެވެ. އެހެންކަމުން އެކަށީގެންވާ ވަރަށް ދިފާއުވުމުގެ ފުރުސަތު ސިޓީ ކައުންސިލަށް ލިބިފައި ނުވާކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިފަ އެވެ.

ސިޓީ ކައުންސިލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ދަށު ކޯޓަށް ހުށަހަޅަން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބަކީ ހައުސިން މިނިސްޓްރީ އަކީ ދައުލަތުގެ ޒިންމާދާރު މުއައްސަސާއަކަށް ވާއިރު ހައުސިން މިނިސްޓަރު ސޮއިކުރައްވައި މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަޒީރުންގެ މަޖިލީހުން އެ ނިންމުން ނިންމާފައިވާ ކަމަށް ބުނެފައިވާތީ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީގެ ފަރާތުންނާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި އުސްފަސްގަނޑު ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ވާގޮތުން އެތަން ބޭނުން ކުރަންޖެހޭނީ ސަރުކާރުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށް ބުނެފައިވާއިރު ދިގުމުއްދަތަކަށް އެތަން ސިޔާސީ ޕާޓީ އަކަށް ކުށްޔަށް ދޫކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހުރިހާ ލިޔުންތަކަށް ބެލުމުން މާލޭ ސިޓީ ކައުންސިލުން އުސްފަސްގަނޑު ބޭނުންކުރަމުން ގެންގޮސްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އަދި މާލޭ ސިޓީ ކައުންސިލުން އެކަމަށް އިންކާރު ކުރާނަމަ އެތަން ބޭނުންކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ އެ މައްސަލައިގައި ދެފަރާތުން ވެސް އެކަށީގެންވާ ވަރަށް ވާހަކަދެއްކިފައި ވާތީ އެމައްސަލައިގެ އަޑުހެނުންތައް ނިންމާލެއްވީ ކަމަށެވެ.