13 Feb 2013, 10:56
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އައިމިނަތު ޝައުނާއަށް ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރގެ ގުލޯބަލް ލީޑަރ އިން ރެޒިޑެންސްގެ މަގާމު ދިނުމަށް ނިންމާފައިވާ ކަމަށް އެ ޔުނިވަރސިޓީއިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށް ވާ "ދަ ފުލްޓަން ސަން" ގައި އިއްޔެ ބުނެފައިވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ ޝައުނާއަކީ 2008 ވަނަ އަހަރު ވެސްޓްމިންސްޓަރއިން ގުރެޖުއޭޓް ވެފައިވާ ދަރިވަރެއް ކަމަށެވެ.
ވެސްޓްމިންސްޓަރ ޔުނިވަރސިޓީއާއި ހަވާލާދީ "ދަ ފުލްޓަން ސަން" އިން ބުނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރސެކްރެޓަރީގެ މަގާމު ފުރުއްވި އައިމިނަތު ޝައުނާއަށް ގުލޯބަލް ލީޑަރ އިން ރެޒިޑެންސް މަގާމު ދިނުމަށް ނިންމާފައިވަނީ ޝައުނާއަކީ ރާއްޖޭގައި ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ އަދި އެ ޔުނިވަރސިޓީގެ ދަރިވަރަކަށް ވުމުން ކަމަށެވެ.
މި އަންނަ މަހު ވެސްޓްމިންސްޓަރއަށް ދިއުމަށް ޝައުނާއަށް ދައުވަތު ދީފައިވާއިރު، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ތެރެއިން ޝައުނާއަށް ލިބިފައިވާ ތަޖުރިބާތައް އޭނާ ވެސްޓްމިންސްޓަރގެ މިހާރުގެ ދަރިވަރުންނާއި ހިއްސާކުރާނެ ކަމަށް ވެސް "ދަ ފުލްޓަން ސަން" އިން ބުނެއެވެ.
އެމްޑީޕީގެ ސިޔާސީ ގިނަ ހަރަކާތްތަކުން ފެންނަ ޝައުނާ ވަނީ ސިޔާސީ ހަރަކާތެއްގެ ތެރެއިން މިދިޔަ ހަފްތާގައި ހައްޔަރު ކޮށް، ދޫކޮށްލައިފައެވެ.