13 Feb 2013, 10:35
އދ. މަޖިލިސް (ފެބްރުއަރީ 13): އުތުރުކޮރެޔާ އިން އިއްޔެ ކުރި ނިއުކްލިޔާ ތަޖްރިބާ، އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި އެވެ.
މިކަމާބެހޭ ގޮތުން ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި އުތުރުކޮރެޔާގެ ނިއުކްލިޔާ ތަޖްރިބާ ސިފަކޮށްފައި ވަނީ ބައިނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ނުރައްކާކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގަ އެވެ. މި ތަޖްރިބާއާ ގުޅިގެން އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ވެސް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި އިޝާރާތްކޮށްފައިވެ އެވެ. ސަލާމަތީ މަޖިލީހުގެ މިބަޔާން ނެރެފައި ވަނީ އެމަޖިލީހުގައި ހިމެނޭ 15 ގައުމުގެ އިއްތިފާގުންނެވެ.
އުތުރުކޮރެޔާ އިން ވަނީ އެގައުމުން އިއްޔެ ކުރި ނިއުކްލިޔާ ތަޖްރިބާ އާ ގުޅިގެން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ނޭޅުމަށް އދ. އަށާއި ހުޅަނގަށް އިންޒާރުކޮށްފަ އެވެ. ނިއުކްލިޔާ ތަޖްރިބާއަށް ފަހު އުތުރުކޮރެޔާގެ ސަރުކާރުން އިއްޔެ ނެރެފައިވާ ބަޔާނެއް ބުނެފައި ވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅެއް އަޅައިފި ނަމަ ނިއުކްލިޔާ އިތުރު ތަޖްރިބާތައް ކުރާނެ ކަމަށާއި އިއްޔެގެ ތަޖްރިބާއަކީ އެގައުމުގެ ނިއުކްލިޔަރ ގާބިލްކަމުގެ ވަރަށް ކުޑަމިންވަރެއް ކަމުގަ އެވެ.
އުތުރުކޮރެޔާ އިން އިއްޔެކޮށްފައި ވަނީ ކުރިން އެގައުމުން ކުރި ނިއުކްލިޔާ ދެ ތަޖްރިބާއަށް ވުރެ ބާރުގަދަ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ތަޖްރިބާއެއް ކަމަށް އެގައުމުން ބުނެފައިވެ އެވެ. އުތުރުކޮރެޔާ އިން ފުރަތަމަ ފަހަރު ކުރި ނިއުކްލިޔާ ތަޖްރިބާއެއް ކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ދެވަނަ ތަޖްރިބާއެއްކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އުތުރުކޮރެޔާ އިން އިއްޔެ ކުރި ނިއުކްލިޔާ ތަޖްރިބާ އާ ގުޅިގެން އެމެރިކާ ވަނީ އެއީ ޖެއްސުމުގެ ޢަމަލެއް ކަމަށް ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)