13 Feb 2013, 10:30
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފާއިވާ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ހަމަޖައްސާފައިވާ ޝަރީއަތަށް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލެ ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ހިމެނިޑައިގަންނަވާ ހިސާން ހުސެއިން ސަން މިއަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރަކީ ނެރެވޭނެ އަމުރެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ އަމުރު މިއަދު ހެނދުނު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.
އިސްތިއުނާފަށް ހުށަހެޅި އެ މައްސަލައިގައި ރައީސް ނަޝީދު ހައްޔަރުކުރުމަށް ނެރުނު އަމުރާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެމަނިކުފާނު ހައްޔަރު ނުކުރުމަށް ވަގުތީ އަމުރަކަށް ވެސް ހައިކޯޓުގައި އެދިފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ނަމަވެސް ހައިކޯޓުން އަދި ވަކި އެއްޗެއް އަންގާފައިނުވާ ކަމަށް އެނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައި ނުގަތުމުން އެމަނިކުފާނު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ރައީސް ނަޝީދު ގާނޫނީ ޓީމުން ބުނެފައިވާ އިރު އެކަމާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ހުޅުމާލެ ކޯޓުން ވެސް އެއްޗެއް ބުނެފަ އެއްނުވެ އެވެ.