އދ. ދަނގެތީގައި ހުރި އިންޑިއާގެ ޓީޗަރަކަށް ބަޔަކު ހަމަލާދީ އޭނާ ރޭޕްކޮށްލި މައްސަލަ ބަލައި އިންސާފު ހޯދައި ދިނުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އިންޑިއާ ސަރުކާރުން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ދިވެހި ސަރުކާރަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ މިޝަން (އިންޑިއާ ހައިކޮމިޝަން)ގެ އޮފިޝަލުން ރާއްޖޭގެ އެކްޓިން ޖެންޑާ މިނިސްޓަރު މަރިޔަމް ޝަކީލާއާ ބައްދަލުކޮށް، ރޭޕް ކުރެވުނު އިންޑިއާގެ ޓީޗަރަށް އިންސާފު ހޯދައި ދިނުމަށް އެދިފައިވާ ކަމަށެވެ.

އދ. ދަނގެތީގައި ހުރި އިންޑިއާގެ ޓީޗަރަކު ދިރިއުޅޭ ގެއަށް ބަޔަކު ދަންވަރު ވަދެ އޭނާ ރޭޕްކޮށްލާފައިވާ ކަމަށް އެ ރަށުން އިއްޔެ މައުލޫމާތު ލިބުނެވެ. އިއްޔެ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ދަނގެތިން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ ރޭ ހިނގި އެ ހާދިސާގައި ރޭޕްކޮށްލާފައި ވަނީ ސީއައިޓީއެމް ކިޔާ ބަޔަކު ހިންގާ ކޮމްޕިއުޓާ ކްލާހެއްގައި ކިޔަވައި ދިނުމަށް އެ ރަށަށް ގޮސް ހުރި އަންހެން ޓީޗަރެއް ކަމަށެވެ. އަދި އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާއާ އެކު އެގޭގައި އުޅުނު މީހުން އެގޭގައި ނެތިސް ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އޭނާ ނުބުނެ އެވެ.

ދަނގެތިން ސަން އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ރަށުގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި އެގެއަށް ބަޔަކު ވަދެ އަންހެން މީހާ ރޭޕް ކޮށްލުމުގެ އިތުރުން އެގޭގެ ހުރި އަންހެން މީހާގެ ފައިސާ އާއި ކޮމްޕިއުޓަރު ފަދަ އެއްޗެހި ވަގަށް ގެންގޮސްފައިވެ އެވެ. ދަނގެތިން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި ވޭތުވެދިޔަ ދެ ތިން ރޭ ވަނީ އެ ރަށުގެ ގޭގެއިން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ފުލުހުން އެރަށުގައި ތިބޭ އިރު ވެސް އެކަން ކަން ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.