ރާއްގޭގައި މީގެ އެތަށް އަހަރެއް ކުރިން ފެށިގެން މަސްތުވުމުގެ ނުރައްކާ އާދަ ދިޔައީ ފެތުރެމުން ނެވެ. އެކި ދަރަޖައިގެ އެކި ނަން ކިޔާ ޑްރަގްގެ ބާވަތްތަކަށް ދިވެހިން ދިޔައީ އަޅުވެތި ވަމުން ނެވެ. ބަނގުރަލުގެ އިތުރުން އޯޕިއޭޓްސްގެ ބާވަތެއް ކަމަށްވާ "އޯޕިއަމް" ނުވަތަ އަފިހުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދިވެހިން ބޭނުން ކުރަމުން ދިޔަ އެވެ. އޭރުގެ ބައެއް މީހުން ބުނާ ގޮތުން ނަމަ މޮޅު ބިލެތް ގަނޑެއް ވެސް ފުރިހަމަ ވަނީ އަފިހުން ކޮޅެއް ވެސް އޭގައި ހިމެނިގެންނެވެ. އޭގެ އިތުރުން ވެސް އެކި ގޮތް ގޮތަށް އަފިހުން ރާއްޖޭގައި ބޭނުން ކުރަމުން އައިކަމަށް ދިވެހި ތާރީޚު ހެކިދެ އެވެ.

ނަވާރަ ސަތޭހަ ހަތްދިހައިގެ އަހަރުތަކުގައި އަފިހުން ބޭނުންކުރާ ކޮމިއުނިޓީ ތެރެއަށް މުޅިން އާ ޑްރަގެއް އަނެއްކާ ވެސް ތައާރަފްވާން ފެށި އެވެ. އެއީ ކެނަބިސްގެ ބާވަތެއް ކަމަށްވާ މެރެޖުއާނާ ނުވަތަ ގަންޖާ ފަތެވެ. އޭރު ބައެއް މީހުން އެއަށް ބުންބާ މޮޅު ދުންފަތޭ ވެސް ކިޔާ އުޅުނެވެ. ގަންޖާގެ އަވާގައި ގިނަ ބަޔަކު ޖެހިފައި ތިއްބާ 1980ގެ އަހަރުތަކުގައި މެރެޖުއާނާ ފަތުން އުފައްދާ މުޅިން އާ ގަންޖާގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ރާއްޖެ އަށް ތައާރަފްވި އެވެ.

އޭރު ރާއްޖެ އިން ލިބެން ހުންނަ ޑްރަގްގެ އެ ބާވަތްތަކަކީ މަސްތުވާ ތަކެތީގެ ދަރަޖަ އަށް ބަލާ ނަމަ ސޮފްޓް ޑްރަގްސް ނުވަތަ ތަންކޮޅެއް ބާރު ދަށް ޑްރަގެއް ނަމަވެސް އެ ބާވަތުގެ ޑްރަގަކީ ވެސް ބޭނުންކުރާ ކޮންމެ ފަހަރަކު ސިކުނޑީގެ އެތައް ހާސް ސެލްއެއް ހަލާކު ކޮށްލާ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ނުރައްކާތެރި ބާވަތެއް ކަމަށް ސައިންސްގެ އަލީގައި ހޯދިފައި ހުރި ހޯދުންތަކުން ސާބިތުވެ އެވެ.

އެހާ ހިސާބަށް ރާއްޖޭގެ ހާލަތު ދިޔައިރު ވެސް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ކަމާ ބެހޭ ފަރާތްތަކަށް އެޅުނު ކަމަކަމަށް ދެންނެވޭކަށް ނެތެވެ. އޭގެ ނަތީޖާ އަކަށްވީ ދުނިޔޭގައި ބޭނުންކުރާ އެންމެ އެޑިކްޓިވް ޑްރަގް ނުވަތަ އެންމެ ފަސޭހައިން ދެވި ހިފާ ޒާތުގެ ޑަރަގް ކަމަށްވާ ހިރޮއިން 1992 ހިސާބުގައި ރާއްޖެ އަށް އައުމެވެ.

މަގުމަތީ ނަމުން ނަމަ ހަކުރުގެ މަސްތުގާ ގިނަ ޒުވާނުންތަކެއް ޖެހި މުޖުތަމައު ފަސާދަވާން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ހަކުރު ބޯ މީހުން ހިފައި ހައްޔަރުކޮށް އެ މީހުން ޖަލަށްލާ އަދަބުދޭން ފެށި އެވެ. އޭގެ ތެރޭގައި ގަންޖާބޯ މީހުން ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެއީ އެކަމަށް އޮތް ހައްލު ކަމަކަށް ނުވި އެވެ. އެއްދުވަހުން އަނެއް ދުވަހަށް މަސްތުގެ ވަބާގައި ޖެހޭ މީހުން އައީ އިތުރު ވަމުންނެވެ. އަދި ބޭނުން ކުރާ ބާވަތްތައް ވެސް ދިޔައީ ބަދަލު ވަމުންނެވެ.

ކަސްޓަމްސް އިން ދާދި ފަހުން ބުނީ މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ ލައިސާޖިކް އެސިޑް ޑައިތައިލަމައިޑް (އެލްއެސްޑީ) 1998 ވަނަ އަހަރު ރާއްޖެ އެތެރެ ކުރަން މަސައްކަތްކޮށްފާވާ ކަމަށެވެ. އެއީ ކަސްޓަމްސް އަށް އެނގިފާވާ ހަމަ އެކަނި ކޭސް ނަމަވެސް އެ ފަރާތްތަކަށް ނޭނގި ސިއްރުން އެތެރެ ކޮށްފައި ވަނީ ކޮން ބަވަތްތަކެއްގެ ކިހާ މިންވަރެއް ކަމެއް ބުނަން އެނގޭ އެކަކު ވެސް ނެތެވެ. އަދި މިހާރު ރާއްޖެ އައުމުގެ މަގުމަތީގައި އުޅެނީ ކޮން ފަދަ ނުރައްކާތެރި ކޮން ބާވަތްތަކެއްގެ ޑަރަގެއް ކަން އެނގޭ މީހަކު ވެސް ނެތެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތެރިވާ މައި ޖަމިއްޔާ ކަމަށްވާ ޖާނީގެ ޕްރޮގްރާމް މެނޭޖަރު އަލީ އަދީބް ވިދާޅުވީ ރާއްޖޭގައި މިހާރަކަށް އައިސް އެންމެ ބާރުގަދަ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން އިތުރު ވަމުން އަންނަކަން އެ ޖަމިއްޔާ އަށް އެނގިފާވާ ކަމަށެވެ.

"ރާއްޖޭގައި މިހާރު މަސްތުވާން އެބަ ބޭނުންކުރޭ ޑަންލޮޕް، ހަކުރު، ތެޔޮ، ފަތް، ކޯލާވޯޓަރު، ތިނަރު، އަދި ފާޑުފާޑުގެ ބާރުގަދަ ބާވަތްތަކުގެ ގުޅަ ބޭސް ފަދަ ތަކެތި. ކްރިސްޓަލް އައިސް ނުވަތަ މެތް އެންފެޓަމިން ދަރިކޮޅުގެ އެއްޗެއް ވެސް ރާއްޖޭގައި ބޭނުންކުރި. އަދި ހަމަ މި ދޭތެރެ އަކުން ރާއްޖޭގައި ބޭނުންކުރި އެކްސްޓަސީ ޓެބްލެޓް ވެސް. ބައެއް ކުދިން އެބަހުރި މިތަނަށް އައިސް މިހިރިއްޔޭ ކިޔާފައި އަހަރެމެންނަށް ދައްކާފައި ވެސް. އެލްއެސްޑީ ވެސް ފުރަތަ ބޭނުންކުރި ކުއްޖާ އައީ މިތަނަށް." އަދީބް ވިދާޅުވި އެވެ.

ޖާނީން އެހެން ބުނާ އިރު އެކަން ދޮގު ކުރެވޭނެ ފުރުސަތެއް ނެތެވެ. ދާދިފަހުން އަނެއްކާ ވެސް އެލްއެސްޑީގެ ފޭކް ބާވަތެއް ރާއްޖޭގެ މަސްތުވާ ތަކެތީގެ ބާޒާރަށް ނެރެ އޭގެ ބޭނުން ވަނީ އެތައް ބަޔަކުކޮށްފަ އެވެ. އަދި އެފަދަ އެއްޗަކުން ކަމަށް ޝައްކު ކުރެވޭ ގޮތަކަށް ވަރަށް ގާތްގާތުގައި ދެ ޒުވާނަކު ވެސް ވަނީ މަރުވެފަ އެވެ. ފުލުހުން ވެސް ވަނީ އެ މީހުން މަސްތުވެގެން ތިބިކަން އެނގޭ ކަމަށް ބުނެފަ އެވެ.

ރާއްޖެ ފަދައިން ބާރު ގަދަ ނުރައްކާތެރި މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަގާފަތެއް މުޅި ދުނިޔެ އަށް ފެތުރެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެއީ ސިއްރުވެފައި އޮތް ކަމެއް ވެސް ނޫނެވެ. ގައުމުތަކުން މަސްތުވާ ތަކެތީގެ ހާލަތު ބަޔާންކޮށް ނެރޭ ރިޕޯޓުތަކުގައި ވެސް އެ ވާހަކަތައް ވަރަށް ތަފްސީލްކޮށް ލިޔެފައި އޮވެ އެވެ. އަދި އެ ނުރައްކާ ފެތުރިފައިވާ ގައުމުތަކުން ދިޔައީ އެކަމަށް ތައްޔާރުވެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންނެވެ. އުމުރު ފުރާ ވަކިން ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމްތައް ހިންގަމުންނެވެ. ފަރުވާގެ ބާވަތްތައް އިތުރު ކުރަމުންނެވެ.

ރާއްޖޭގައި ވެސް މިހާރަށް ވުރެ އެތައް ގުނައެއް އިތުރަށް މަސްތުވާ ތަކެއްޗަށްދޭ ސަމާލުކަން އިތުރު ކުރަން އެބަޖެހެ އެވެ. ފަރުވާގެ ބަވަތްތައް އިތުރުކޮށް އެ ތަކެތި އެތެރެވާން ހުރި ދޮރުތައް ބަންދު ކުރަންޖެހެ އެވެ. މަދްރަސީ ދައުރުން ފެށިގެން ވެސް މަސްތުވާ ތަކެތީގެ ނުރައްކަލަށް ކުދިން ހޭލުންތެރި ކުރުވަން ޖެހެ އެވެ. މުޖުތަމައުގައި އެފަދަ މީހުން ބާކީ ނުކޮށް އެމީހުންނަށް އަޅާލާ އެހީތެރިވާން ޖެހެ އެވެ. މައިން ބަފައިން ވެސް ދަރިންގެ ފަރާތުން އެފަދަ ކަމަކަށް ޝައްކު ކުރެވޭ ނަމަ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުން ވަަރަށް މުހިއް މެވެ. އިސްލާމީ ރިވެތި ތަރުބިއްޔަތުން އެ ކުދިން ތަރުބިއްޔަތު ކުރަން ޖެހެ އެވެ. ރަނގަޅު އާފްޓާ ކެއާ ޕްރޮގްރާމެއް ގާއިމް ކުރަން ޖެހެ އެވެ. ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އިތުރު ކުރަން ޖެހެ އެވެ. ބެލެނިވެރިން ދަރިންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލާ އެ ކުދިން ބަލަހައްޓަން ޖެހެ އެވެ.

މި ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަން ބައްޓަން ނުކުރެވިއްޖެ ނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ އެވެ. އޭރު އޮންނާނީ ދެން ސަލާމަތް ނުކުރެވޭ ވަރަށް ގައުމުގެ ހާލަތުގޮސްފަ އެވެ. މިހާރު ވެސް ލަސްވެއްޖެ އެވެ. އަވަސް ކުރާށެވެ.