ޅ. ނައިފަރުގައި ސައިކަލަކުން މީހަކުގައި ޖެއްސި ކަމަށް ބުނެ، ސައިކަލް ދުއްވި މީހާ ހައްޔަރު ނުކޮށްގެން އެރަށުގެ ބަޔަކު ނައިފަރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެއްޖެ އެވެ.


ނައިފަރުން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ އެ ރަށުގައި އުޅޭ ސިކުނޑީގައި އުނިކަމެއް ހުންނަ މީހަކު ހަވީރު  4:00 ޖެހި އިރު ސައިކަލެއްގައި ދަނިކޮށް މަގުމަތިން ދިޔަ މީހެއްގެ ގައިގެ ޖެހުމުން އެކަމާ ހިތްހަމަނުޖެހިގެން 50އްހާ މީހުން  ޕޮލިސް ސްޓޭޝަން ކައިރިޔަށް ގޮސް އެމީހާ ހައްޔަރު ކުރުމަށް ގޮވާފައިވާ ކަމަށެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ބަޔަކު  ފުލުހުން ގެ އޮފީސް ކައިރިޔަށް ގޮސް އެމީހާ ހައްޔަރުކުރަން ގޮވައި  ހިސާބަކަށް ހުތުރު އެއްޗެހި ވެސް ގޮވާފައިވާ ކަމަށެވެ.


"ފުލުހުން އެމީހާ ހައްޔަރެއް ނުކުރޭ، އެމީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހަކަށްވާތީ،" ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަމެއްވާނަމަ އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.


"އެކަން ކަން ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.


ނައިފަރުން ވާހަކަ ދެއްކި މީހާ ބުނީ ފުލުހުން ތިބޭ މަރުކަޒު ކައިރިޔަށް އެއްވި މީހުން އެމީހާ ހައްޔަރު ކުރުމަށް ގޮވި ނަމަވެސް ފުލުހުން އެކަމަށް މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށާއި ލަފާ ކުރެވެނީ އެއީ ސިކުނޑީގެ އުނި ކަމެއް ހުރީ މީހަކަށް ވުމުން ކަމަށެވެ. އޭނާ އަދި ބުނީ އެމީހާ ދުއްވި ސައިކަލުން ޖެހުނު ކަމުގައި ވިޔަސް، ޖެހުނު މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.