ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މީހަކު އެއްއަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި އެއްއަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނި ގއ. ކޮނޑޭ ފޮޅޭމާ އިބްރާހީމް ޔާމީންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ މާލޭ ކަސްޓޯޑިއަލަށް ހާޒިރުކޮށް ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ޔާމީން އެކަމަށް އިންކާރުކޮށްފައިވާކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުން އޭނާ ކުށްވެރިވާތީ އެކުށުގެ އުގޫބާތެއްގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އޭނާ އެއްއަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.