ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލައިގެ ޔައުމިއްޔާތައް ފޮނުވުމަށް ސުޕްރީމް ކޯޓުން މަޖިލީހަށް އަންގައިފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެންބަރަކު މިރޭ ވިދާޅުވީ ފަހުމީގެ މައްސަލައިގެ ޔައުމިއްހާތައް ފޮނުވައިދިނުމަށް ސުޕްރީމް ކޯޓުން މަޖިލީހުގެ އިދާރާއަށް އަންގާފައިވާތީ އެކަމާ ގުޅިގެން މާދަމާ މެންދުރު 1:00 ގައި އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަމަށެވެ.

"ފަހުމީގެ މައްސަލައިގެ ޔައުމިއްހާތައް ފޮނުވައިދިނުމަށް ސުޕްރީމް ކޯޓުން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ. އެކަމާ ގުޅިގެން މާދަމާ މެންދުރު 1:00 ގައި ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި،" އެ މެންބަރު ވިދާޅުވި އެވެ.

އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ފަހުމީ ވަކިކުރައްވާފައި ވާތީ އޭނާ ވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެ މަޖިލީހާ ދެކޮޅަށް ދައުވާ ކުރައްވައިފަ އެވެ. އަދި އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަން ދެން ސިވިލްސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ފަހުމީ ދައުވާ ކުރި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފަ އެވެ.