ފައިނޭޝަލް ފްރޯޑާއި އިންޓަނެޓް ފްރޯޑް ފަދަ މައްސަލަތައް ކޭސްކުރުމުގެ ކުރިން މައްސަލައާ ގުޅޭ ހޯދުންތައް ހޯދުމަކީ ފުލުހުން އަމަލު ކުރަމުންދާ އުސޫލެއްކަމަށް ވިޔަސް އެއީ ލިޔެކިޔުމުން އެނގެން އޮންނަ އުސޫލެއް ނޫންކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގަކުން ހާމަވެއްޖެ އެވެ.


މިކަން ހާމަވީ ގަވާއިދާ ޚިލާފަށް ފޮރެންސިކް ރިޕޯޓެއް ފުލުހުން ތައްޔާރު ކުރިކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އައިޓީ މެނޭޖަރުކަމުން ވަކިކުރި އިސްމާއީލް މަސްއޫދު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަބެލުމަށް ފަހު އެކޮމިޝަނުން އޭނާއަށް ފޮނުވި ލިޔުމުންނެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމި ނިންމުމުގައި ބުނަނީ މައްސަލައެއް ކޭސްކުރުމުގެ ކުރިން މައްސަލައާ ބެހޭ ޕްލިމިނަރީ ހޯދުންތައް ހޯދައި މައްސަލަ ކޭސްކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ފުލުހުން އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލެއްކަމަށެވެ. ނަމަވެސް އެކަމުގައި އަމަލުކުރާނެ އުސޫލެއް ލިޔެފައި ބޭއްވުމަށް ފުލުހުންނަށް އަންގައިދިނުމަށް ހޯމް މިނިސްޓަރަށް ލަފާއެރުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމުގައި ވެއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިސްމާއީލް މަސްއޫދު ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ގަބޫލު ނުކުރާއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެޗްޑީއެފްސީން މައްސަލައެއް ހުށަހަޅަނީސް އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައާ ގުޅޭ ފޮރެންސިކް ރިޕޯޓެއް ފުލުހުން ތައްޔާރު ކުރި ކަމަށެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާއިން ކުރި ކަމެއް ނޫންކަމަށާއި އެއީ އޭނާ ވަޒީފާއިން ވަކިކުރުމުން ޓްރައިބިއުނަލްގައި ކުރިއަށްދިޔަ މައްސަލަ ކަމިޔާބު ކުރުމަށް އެޗްޑީއެފްސީގެ ލޯޔަރާއި ފުލުހުންގެ ފައިނޭންޝަލް ފްރޯޑް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ އާ ދެމީހުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމެއްގެ ސަބަބުން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގެން މިއޮތީ އެޗްޑީއެފްސީން އަޅުގަނޑުގެ މައްސަލައެއް ފުލުހުންނަށް ހުށަނާޅަނީސް ކަން ފުލުސް އޮފީހުން ފޮރެންސިކް ރިޕޯޓެއް ނެރުނީ. އެއީ އެޗްޑީއެފްސީގެ ލޯޔަރާއި ފުލުހުންގެ ފައިނޭންޝަލް ފްރޯޑް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ ރާވައިގެން އަޅުގަނޑު ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ކާމިޔާބުވިޔަ ނުދިނުމަށް ކުރި ކަމެއް. އަޅުގަނޑަށް އެނގޭ އެއީ ފުލުހުންގެ އިދާރާއިން ކުރާކަމެއް ނޫންކަން. އެއީ އެތަނުގައި ހުރި ވަކި މުވައްޒަފަކު ކުރާ ކަމެއް،" އިސްމާއިލް މަސްއޫދު ވިދާޅުވި އެވެ.

އެޗްޑީއެފްސީގެ އައިޓީ މެނޭޖަރުގެ މަގާމުން އިސްމާއީލް މަސްއޫދު ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެއްވެސް ހާލެއްގައި އޭނާ އަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލެވޭނެ ކަމަށް ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން ވަނީ ނިންމާފަ އެވެ.

އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ 10 ދުވަހުގެ ތެރޭގައި އޭނާއަށް ދީ ހަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް މިއަދާހަމައަށް ވެސް ޓްރައިބިއުނަލްގެ ނިންމުމަށް އެޗްޑީއެފްސީން އަމަލުކޮށްފައި ނުވާކަމަށް އިސްމާއީލް މަސްއޫދު ވިދާޅުވި އެވެ.