ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ސަންއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ހިސާން ހުސައިން މިރޭ ވިދާޅުވީ އެންމެ ފަހުން ބާއްވަން ޝެޑިއުލް ކުރި ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައި ނުގަތުމުން އެމަނިކުފާނު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ހަވީރު 4:00 އަށް ނަޝީދު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުގެ ކޮޕީއެއް ގާނޫނީ ޓީމަށް ލިބިފައިވާ ކަމަށެވެ. އަދި މާދަމާ ހެނދުނުގެ ވަގުތެއްގައި ނަޝީދު ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ އަމުރަކީ ގަވައިދާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ އަމުރު އިސްތިއުނާފު ކުރުމަށް މާދަމާ ހައިކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ޖުޑީޝަރީގެ މީޑިއާ ޑިޕާޓްމަންޓުން ބުނީ އެފަދަ އަމުރެއް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައި ވާ ކަމަށް އެ ޑިޕާޓްމަންޓަށް އަންގައިފައި ނުވާ ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.