އިސްލާމްއާބާދު (ފެބްރުއަރީ 12): ޕާކިސްތާނުން ކާމިޔާބުކަމާ އެކު ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފި އެވެ.
ޕާކިސްތާން ސިފައިންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއް ބުނެފައި ވަނީ އެގައުމުން މިއަދު ތަޖްރިބާކުރީ "ނަސްރު" މަރުކާގެ މިމިސައިލެއް ކަމަށާ އެއީ 60 ކިލޯ މީޓަރުގެ ކުރުރާސްތާގެ މިސައިލެއް ކަމުގަ އެވެ. ނަމަވެސް މި މިސައިލް ފަރުމާކޮށްފައި ވަނީ އާދައިގެ ވޯހެޑާއި ނިއުކްލިޔާ ވޯހެޑް ވެސް ހަރުކުރެވޭ ގޮތަށް ކަމަށް މިބަޔާން ބުނެ އެވެ. ޕާކިސްތާނުން މިމިސައިލް ތަޖްރިބާކުރީ ކޮންސަރަހައްދެއްގައި ކަން އެނގިފައެއްނުވެ އެވެ. ނަމަވެސް މިސައިލް ތަޖްރިބާކުރުމުގެ ކުރިން ޕާކިސްތާން ސިފައިން އެކަން އިންޑިޔާ އަށް އަންގާފައިވާ ކަމަށް ޕާކިސްތާނުގެ މީޑިޔާ ބުނެ އެވެ.

ޕާކިސްތާނުން ކުރިޔަށްގެންދާ މިސައިލް ތަރައްގީކުރުމުގެ ޕްރޮގްރާމުގެ ދަށުން އެތައް މަރުކާއެއްގެ މިސައިލް އެގައުމުން އުފައްދައި ތަޖްރިބާކުރަމުން ގެންދެ އެވެ. މިއަދު ތަޖްރިބާކުރި "ނަސްރު"މަރުކާގެ ކުރު ރާސްތާގެ މިމިސައިލަކީ އެގައުމުން މިހާތަނަށް އުފައްދާފައިވާ ޓެކްނޮލޮޖީގެ ގޮތުން އެންމެ މަތީފެންވަރުގެ މިސައިލް ކަމަށާއި އަމާޒަށް ވާސިލް ވުމުގައި މިމިސައިލް ވަރަށް ސްމާޓް ވާނެ ކަމަށް ޕާކިސްތާން ސިފައިންގެ ބަޔާން ބުނެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ވެސް ޕާކިސްތާނުން ވަނީ "ހަތްފު 5" މަރުކާގެ މިސައިލެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފަ އެވެ. މިއީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިގެންވާ 1300 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލެކެވެ. ޕާކިސްތާނުން ގެންދަނީ އެގައުމުގެ ދިފާޢުގައި ނިއުކްލިޔާ ސްޓްރެޓީޖިކް ޑިޓަރެންޓެއް ބިނާކުރަމުން ކަމަށާއި މި ޑިޓަރެންޓްގެ މައިބަދައަކީ ކުރުރާސްތާއާއި މެދުރާސްތާއާ އަދި ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޕާކިސްތާނުން ތަރައްގީކުރާ ނިއުކްލިޔާ ޑިޓަރެންޓްގައި ނިއުކްލިޔާ މިސައިލްގެ އިތުރުން ނިއުކްލިޔާ ސަބްމެރިން ވެސް ހިމެނޭ ކަމަށް ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނެ އެވެ. (އަލްޢާލަމް)