12 Feb 2013, 18:41
މަދަނީ ޖަމިއްުޔާއެއް ކަމުގައިވާ އިސްލާމިކް ފައުންޑޭޝަނާއި ގައުމީ ކުތުބުހާނާ ގުޅިގެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
މިއަދު ހަވީރު ސަލްޓަންޕާކްގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފައިވާާއިރު ކުޑަކުދިންނަށް ހާއްސަކޮށްގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގައުމީ ކުތުބުހާނާގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ އިޖުތިމާއީ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އާއްމު މައުލޫމާތު ފޯރުކޮށްދިނުމަކީ ގައުމީ ކުތުބުހާނާގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމުގައިވާއިރު ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން މިއަދު ބޭއްވި ހަވީރުގައި އިސްލާމީ ރިވެތި އަހުލާގު ގުޅުންހުރި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ބައެއްގެ ތަރުހީބު އެ ހަވީރަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ފައުންޑޭޝަނާ އެކު އަޅުގަނޑުމެން އޮންނާނީ އެއްބަސްވުމެއް ހަދާފަ އެފަދަ އެކިއެކި ތަފާތު ހަރަކާތްތައް ހިންގުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމަށް. އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި މަދަހަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި، ދީނީ އެކިއެކި މައުލޫމާތު ދިނުމާއި އިސްލާމީ ރިވެތި އަހުލާގާ ގުޅުން ހުރި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މަދަހަ މުބާރާތެއްގެ އިތުރުން ރާއްޖެ އިސްލާމްވި ދުވަހާއި ގުޅޭ ޕޯސްޓާ ކުރެހުމުގެ މުބާރާތެެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ވަނަ ވަނަ އަށް ދާ ކުދިންނަށް އިނާމް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.