ޓީޗަރުންނަށް ދެމުން އަންނަ އިތުރު ގަނޑީގެ ފައިސާ ކުޑަކުރުމުގެ އުސޫލެއް ކަނޑައަޅައި، ޓީޗަރުންގެ ރުހުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުމުގައި ސޮއި ނުކުރުމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޓީޗަރުންނަށް އިލްތިމާސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ސްކޫލުތަކަށް ފޮނުވާފައިވާ ފެކްސް މެސެޖެއްގައި ބުނެފައި ވަނީ މި އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައި ވަނީ މުއައްޒަފުންގެ މުސާރައަށްވާ ފައިސާގެ 1.87 ޕަސެންޓު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުގެ ގަޑީގެ ފައިސާ އަށް ދައުލަތުގެ ބަޖެޓްގައި ކުޑަ އަދަދެއް ކަނޑައަޅާފައި އޮތުމުން، މި އަހަރު އިތުރު ގަޑީގެ ފައިސާ ބޭނުން ކުރާނެ ގޮތުގެ ފޯމިއުލާއެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ފޮނުވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެންގުމުގައި ބުނެފައި ވަނީ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކޮންމެ މަހެއްގައި ދޭން ވާނީ މުސާރަ ކޯޑުގެ ޖުމްލަ ދެ ޕަސެންޓު ކަމަށެވެ. އަދި އުސޫލަށް މުވައްޒަފުންގެ އިއުތިރާޒު ނުކުރައްވާ ކަމުގެ ރުހުން ސްކޫލްތަކުން ހޯދުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޓީޗާސް އޮސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވީ އިތުރުގަޑީގެ އެލަވަންސް ކުޑަކުރުމަކީ ޝަކުވާކުރާ މައްސަލައެއް ނޫން ކަމަށާއި އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި އެ އަށްވުރެ، ކުޑަ އަދަދެއް ދިން އިރު ވެސް، ޓީޗަރުން ވަނީ ގައުމީ ހިދުމަތުގައި މަސައްކަތްކޮށްފައި ކަމަށެވެ.

އާތިފް ވިދާޅުވީ ޓީޗާސް އެސޯސިއޭޝަނުން ކަންބޮޑުވު ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލްސާވިސް ގަވާއިދާ ހިލާފަށް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން އަމަލު ކުރުމަށް އެންގުމަށް އަންގާފައި ވާތީ ކަމަށެވެ. އޭނާ ހަވާލާ ދެއްވީ ވަޒީފާއާ ބެހޭ ގާނޫނުގެ 53 ވަަނަ މާއްދާ އަށެވެ. އެ މާއްދާގައި ބުނަނީ މުވައްޒަފެއްގެ މުސާރައަށް ލިބެންވާ އެއްޗެއް ފައިސާ ނުވަތަ މުވައްޒަފަކަށް ލިބެންވާ ފައިދާއަކަށް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވިޔަސް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. އަދި މުސާރައާ މެދު އަމަލު ކުރުމަށް އޮތް މިނިވަން ކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް، ވަޒީފާދޭ އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.

އާތިފު ވިދާޅުވީ ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮއްވައި، އިތުރު ގަޑީގެ ފައިސާ ކުޑަކުރުމަށް ޝަރުތުކޮށް، އިއުތިރާޒު ނުކުރާ ކަމުގެ ރުހުން ހޯދަށް މަސައްކަތް ކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި ވިދާޅުވީ އިތުރު ގަޑީގެ ފައިސާ ދޭނެ ފޯމިއުލާއެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރުމަށް ސްކޫލުތަކަށް ނޭނގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިތުރު ގަޑީގެ ފައިސާ ދޭނެ އުސޫލުތަކާއި ހަމަތައް ސިވިލްސާވިސްގެ ގަވާއިދުގައި 60 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލާ ހިލާފަށް އަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭންގޭނެ ކަމަށް އާތިފު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އިން އަންގާފައިވާ އެންގުން އެ ޖަމިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އެންގުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު އެންގުމަކަށް ވުމުން، އެއެންގުން ބާތިލްވާނެ ކަމަށެވެ.

ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ކުޑަކުރާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ކުރިން ވިދާޅުވެފައި ވަނީ އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އިތުރު 124 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.