ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކޮށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

ސަލްސާ ރޯޔްލް ރެސްޓޯރަންޓްގައި މިއަދު މެންދުރު ގައުމީޓީމުގެ ޝަރަފްގައި އޮތް ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމީ ޓީމަށާއި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ވެދެއްވެން ހުރި އެހީތައް ވެދެއްވާނެ ކަމަށެވެ.

އަދި ޕާކިސްތާނާ އެކު ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުތަކުގައި ރަނގަޅަށް މަސައްކަތްކޮށް ގައުމަށް ރީތި ނަމެއް ހޯދައި ދިނުމަށާއި އަދި ކުރިއަށް އޮތް ޗެލެންޖުކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީޓީމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކޮށްގެން އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަލްސާ ރޯޔްލް ރެސްޓޯރަންޓްގައި މިއަދު މެންދުރު އޮތް ފަރިއްކޮޅުގައި މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދާއި ނާއިބު ރައީސް އަބްދުލްމުހްސިން ހަމީދާއި އެފްއޭއެމްގެ ޑައިރެކްޓަރު އޮފް ނޭޝަނަލް ޓީމް ޢަލީ ސުޒޭން އާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެއާއި ޕާކިސްތާނު ބައްދަލު ކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗް އޮންނާނީ މިރޭ 9:00 ގައި ގަލޮޅު ދަނޑުގަ އެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގަ އެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޓިކެޓް އިއްޔެ ވަނީ ގަލޮޅު ދަނޑުން ވިއްކަން ފަށައިފަ އެވެ. އެގޮތުން ޓިކެޓުގެ އަގުތަކީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.