12 Feb 2013, 16:08
ދެވަނަ ޑިވިޝަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ހަ ވަނަ މެޗުގައި ކްރިކެޓް ބޯޑުގެ ޔޫތު އެކަޑަމީ ޓީމާއި ވެސްޓް ސްޕޯޓްސް ބައްދަލު ކުރި މެޗު، ތިން ވިކެޓްގެ ތަފާތުން ކާމިޔާބުކޮށް ވެސްޓް ސްޕޯޓްސްގެ މައްޗަށް އެކަޑަމީ ޓީމުން ކުރި ހޯދައިފި އެވެ.
މިއަދު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އެކަޑަމީން ގަސްދުކުރީ ހޮވާށެވެ. އަދި ވެސްޓް ސްޕޯޓްސް ކްލަބް ކުޅެން އަރައި 28 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 62 ލަނޑު ހެދި މުސްތާގު އަހްމަދު އެވެ. އެ އިނިންގްސްގައި އެކަޑަމީގެ ޓީމުން އެންމެ ރަނގަޅަށް އުކީ 6.4 އޯވަރުގެ ތެރޭގައި 34 ލަނޑަށް ފަސް ވިކެޓް ނެގި އަލީ ސުނާން އެވެ. ސުނާން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.
ޔޫތު އެކަޑަމީގެ ޓީމުން ޖަވާބުގައި ކުޅެން އަރައި ހަތް ކުޅުންތެރިން ނުބައިވެގެން 47 އޯވަރުގެ ތެރޭގައި 156 ލަނޑު ހަދާފައިވެ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ލަނޑުހެދި އާދަމް ނާސިފް އެވެ. ވެސްޓުން އެންމެ ރަނގަޅަށް އުކީ އަށް އޯވަރުގެ ތެރޭގައި 22 ލަނޑަށް ތިން ވިކެޓް ނެގި ފިރުޝާން އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދެވަނަ ޑިވިޝަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންން ހުކުރު ދުވަހު އެވެ. ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހެނދުނު 8:30ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ އެމްއެސް ސްޕޯޓްސް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ކުލަބެވެ.