އިންޑިއާގެ އުތުރުގައި އިންފުލުއެންޒާ ފެތުރެމުންދާތީ އެ ގައުމަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މިއަދު ވިދާޅުވީ އިންޑިއާގައި އިންފުލުއެންޒާ އެޗްވަންއެންވަން ފެތުރެމުންދާ ޚަބަރާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން އެ ބައްޔަކީ ސުވައިންފުލޫ ކަމަށް ބުނެ، ހަބަރު ފަތުރާފައިވާ ކަމަށެވެ. ނަމަވެސް އިންފުލުއެންޒާ އެޗްވަންއެންވަން ވައިރަސްއަކީ ސުވައިންފުލޫއެއް ނޫން ކަމަށާއި އިންފުލުއެންޒާއަކީ "އެހާ" ނުރައްކާތެރި ބައެއްޔެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އުތުރު ރަޖިސްތާންގައި ފެތުރެމުންދާ އިންފުލުއެންޒާ 450 މީހުންނަށް ޖެހި 94 މީހަކު މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ނިސްބަތުން ހިމެނެނީ މާބަނޑު މީހުންނެވެ. އެ ބަލި އިންޑިއާގެ އެކި ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވެ އެވެ.

ޑރ. އަރޫނާ ވިދާޅުވީ އިންފުލުއެންޒާ އެޗްވަންއެންވަންގެ ވައިރަސް 2010 ވަނަ އަހަރުން ފެށިގެން މަދުމަދުން ރާއްޖެ އިން ފެންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ބަލި ފެންނަނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންގެ ހަށިގަނޑުން ކަމަށެވެ.

އޭނާ ވިދާޅުވީ އިންފުލުއެންޒާއަކީ އަރިދަފުސް ރޯގާފަދަ ބަލިތައް ޖެހުމުން ބަލީގެ އަސަރު ބޮޑުވެ، ބަލި ދިގު ދެމިގެންދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވަނީ މާބަނޑު މީހުންނާއި އުމުރުން ދުވަސްވި މީހުނާއި ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހުންނާއި ދެ އަހަރު ނުވާ ކުޑަކުދިންނަށް ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

އިންޑިއާގެ އުތުރުގައި އިންފުލުއެންޒާ ފެތުރެންފެށުމުން، އެ ގައުމުގެ އެކި ހިސާބުތަކަށް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައި އޮތުމުން ދިވެހި އިންޑިއާ އަށް ގޮސްއުޅުމުގެ ސަމާލުވާނެ ކަންތައްތައް ޑރ. އަރޫނާ ވިދާޅުވެ ދެއްވި އެވެ.

އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ޑޮކްޓަރުންގެ ލަފާގެ މަތިން ވެކްސިން ޖެހުމަށާއި ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ހާއްސަކޮށް ކެއްސާ ކިނބިހި އެޅުމަށް ފަހު އަތް ދޮވުމަށް އިލްތިމާސް ކުރި އެވެ.

އިންޑިއާގެ އުތުރުގައި އިންފުލުއެންޒާ ފެތުރި 94 މީހަކު މަރުވެފައިވާ އިރު، ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅެނީ އިންޑިއާގެ ދެކުނަށެވެ.