12 Feb 2013, 15:43
ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގައި މެރުމަށް ހުކުމްކޮށްފައި ތިބި އިންޑިއާގެ 17 މީހުން މިނިވަންކުރުމުން އެނބުރި ގައުމަށް ދާން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ އެންޑީޓީވީން މިއަދު ބުނީ ޕާކިސްތާނު މީހަކު މަރާލިކަމުގައި ކުށުގައި 2010 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ އެ 17 މީހުން ވެސް މިއަދު އެނބުރި އިންޑިއާ އަށްދާނެ ކަމަށެވެ. އަދި ބުނީ އެ މީހުން އެނބުރި އިންޑިއާ އަށް ދިއުމުގެ ފުރުސަތު ލިބުނީ އެމީހުން މިނިވަން ކުރުމަށް ޔޫއޭއީގެ ޝަރުޖާގެ ކޯޓުން ހުކުމްކުރުމާ ގުޅިގެން ކަމަށެވެ.
އިންޑިއާގެ އެ 17 މީހުން މިނިވަން ކުރުމަށް ކޯޓުން ހުކުމް ކުރީ މަރުވި މީހާގެ އާއިލާއަށް މަރުގެ ދިޔައިގެ ގޮތުގައި ފަސް ކްރޯޑް ރުޕީސް ދިނުމުންނެވެ.
އެމީހުންގެ މައްޗަށް ޝަރުޖާގެ ޝަރީއާ ކޯޓުން މަރުގެ ހުކުމް އިއްވީ ރަލުގެ ވިޔަފާރިއެއްގެ މައްސަލައިގައި ހިނގި މާރާމާރީއެއްގައި ޕާކިސްތާނުގެ މިސްރީ ޚާން ނަމަކަށް ކިޔާ މީހަކު މަރާލައި ޕާކިސްތާނުގެ އިތުރު ދެމީހުން ޒަހަމްކޮށްލި ކަމުގެ ކުށުގައެވެ. ޝަރުޖާގެ އަލް ސާޖާ ނަމަކަށް ކިޔާ ސަރަހައްދުގައި 2009 ވަނަ އަހަރު ހިނގި އެހާދިސާއާ ގުޅިގެން އިންޑިއާގެ 17 މީހުން މެރުމަށް ހުކުމްކުރީ 2010 ވަނަ އަހަރުއެވެ.
މަރުގެ ހުކުމުން ސަލާމަތްވި އިންޑިއާގެ 17 މީހުންގެ ތެރެއިން 16 މީހުންނަކީ އެގައުމުގެ ޕަންޖާބް ސްޓޭޓްގެ މީހުންނެވެ. އަދި އަނެއް މީހާ އަކީ ހަރްޔާނާ ސްޓޭޓްގެ މީހެއް ކަމަށާއި އެ އެންމެންނަކީ ވެސް ޔޫއޭއީގައި މަސައްކަތު މީހުންގެ ވަޒީފާ އަދާކުރަމުން ދިޔަ މީހުން ކަމަށް ވެސް އެންޑީޓީވީން ބުންޏެވެ.
ޕާކިސްތާނު މީހާ މަރާލުމުގައި ބައިވެރި ނުވާ ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އައި، އިންޑިއާގެ އެ 17 ހިންދޫ އިން މިނިވަން ކުރުމަށް ފަންޑެއް ހުޅުވައިގެން ފައިސާ ހޯދީ ޑުބާއީގައި ހޮޓަލެއް ހިންގަމުން އަންނަ އިންޑިއާ މީހެއް ކަމަށްވާ އެސްޕީ ސިންގް އޮބްރޯއީ އެވެ.