12 Feb 2013, 15:31
މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރަމުން ދިޔަ ޖަރުމަންވިލާތުގެ ޔޮޓަކުން މޫދަަށް ވެއްޓި ގެއްލިގެން ހޯދާ މީހާގެ މައްސަލާގައި އެޔޮޓާ އެކު އޭގެން ފުންމާލައިގެން ސަލާމަތްވި ދެވަނަ މީހާ ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކޮށްފި އެވެ.
ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހްމަދު ނިޔާޒު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަރުމަންގެ އެޔޮޓް ރާއްޖެ އައިސްގެން އުޅެނީ ގަވާއިދާ އެއްގޮތަށް ކަމަށާއި ނަމަވެސް ޔޮޓުން ދަތުރުކުރި ޓޫރިސްޓަކު މޫދަށް ވެއްޓި ގެއްލިފައިވާ މައްސަލަ އަދިވެސް ފުލުހުން ބަލަމުން ގެންދާތީ އެމައްސަލައަކީ ޖިނާއީ މައްސަލައަކަށްވާތީވެ ފުލުހުންގެ އެދުމުގެ މަތިން އެޔޮޓް ސަލާމަތްވި މީހާއާ އެޔޮޓް ހަމައެދުވަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
" އެޔޮޓަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް ހަރަކާތްތެރިވަމުން ދިޔަ އެއްޗެއް، އެޔޮޓުން މީހަކު މޫދަށް ވެއްޓި ގެއްލިފައިވާތީއާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އެއީ ޖިނާޢީ މައްސަލައެއް ހިމެނޭ ކަމަކަށްވާތީ އެމީހާއާ ޔޮޓް ފުލުހުންނާ ހަމަ އެދުވަހު ވަނީ ހަވާލުކޮށްފަ،" ނިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާގެ ހަބަރެއް އަދިވެސް ނުވާތީ އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ގެންދާ ކަމަށެވެ.
ޖަރުމަން ވިލާތުގެ ދެ ޓޫރިސްޓުންނާ އެކު ދަތުރުކުރަމުން ދިޔަ އެޔޮޓުން މިހާރު ގެއްލިގެން ހޯދަމުން ގެންދާ މީހާއަކީ ކުރިން ވެސް މޫދަށް ފުންމާލައިގެން އުޅެނިކޮށް ހާލު ދެރަވެގެން އުޅުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މީހާ އެވެ. އަދި އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި މީހާއަކީ ހާލު ދެރަވި އަށް އެހީވާންވެގެން މޫދަށް ފުންމާލުމުން އޮޔާދަނިކޮށް ފުލުހުންނަށް ފެނިގެން ސަލާމަތް ކުރި މީހާ އެވެ. އެމީހާ ސަލާމަތް ކުރުމަށް ފަހު ފުލުހުން ވަނީ އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފަ އެވެ.