12 Feb 2013, 15:24
ހދ. ކުޅުދުއްފުށީގައި ސޭޓަކަށް ހުރި ކުއްޖަކަށް ބިރުދައްކައިގެން ތަފާތު އެކި ފަހަރު މަތިން ފައިސާ އަތުލަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޭރުނު މައްސަލައަކާ ގުޅިގެން އުމުރުން 21 އަހަރުގެ މީހަކު އިއްޔެރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ވަނީ ހަ ހާހަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށި "ދިވެލި" ފިހާރައިގައި މަސައްކަތް ކުރާ 16 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ފަހަރު މަތިން ބިރުދައްކައި ވަނީ އެ ފިހާރައިން ރުފިޔާ ނަގާފަ އެވެ.
އަދި ކުށުގެ ވެށިން އެމީހާ ހައްޔަރުކޮށްފައިވާއިރު، އެކުއްޖާއަށް ބިރުދައްކައިގެން ފައިސާ ނަގާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.