އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަނާ އެމަސައްކަތް ކުރުމަށް އަލުން ހަވާލުކޮށްފައިވަނީ އަގު ބޮޑުކޮށް ކަމަށް ބުނެ ހުށަހެޅުނު މައްސަލަައެއް ބަލަމުން ގެންދާތީ އެމަސައްކަތް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަންއަށް ވިދާޅުވީ އެކޮމިޝަނަށް ހުުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެމަސައްކަތް އަލުން ފެށުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނީ އެމައްސަލަ ބަލައިނިމުމުން ކަމަށެވެ. އަދި އަގު ބޮޑުވި ސަބަބުވެސް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަލުން އެމަސައްކަތް ފެށުމަށް ބަޔަކާ ހަވާލުކޮށްފައިވަނީ އަގު ބޮޑުކޮށް ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް ގެން ކޮމިޝަނުން ސުވާލުކުރަމުން މިގެންދަނީ، އަޅުގަނޑުމެން މިގެންދަނީ އެކަން ހިނގިގޮތް ބަލަމުން، އަގުބޮޑުވި ސަބަބެއް ވެސް ބަލަމުން މިދަނީ، ވަރަށް އަވަހަަށް އެކަންތައް ބެލުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމާނަން،" ލުތުފީ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ އައިޖީއެމްއެޗްގެ 10 ބުރީގެ އާ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށް ފިނޭންސް މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ ހަވާކޮށްފައިމިވަނީ އެ މަސައްކަތް އެކުންފުނިން ފެށިފަހުން މަސައްކަަތް ހުއްޓިފައިވާތާ ދުވަސްތަކެއް ފަހުންނެވެ.