12 Feb 2013, 15:16
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފަހި ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި އެ އޮތޯރިޓީގެ ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.
މީރާގެ ކުޅުދުއްފުށީ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9:30ގަ އެވެ. އެގޮތުން އެ ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް ޓެކްސޭޝަން ޔަޒީދު އަޙްމަދާއި ހދ. އަތޮޅު ކައުންސިލް ގެ ރައީސް ހުސައިން ރަޝީދު އެވެ.
އުތުރުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މިއަދު ހުޅުވި އޮފީހުން މީރާއިން ލިބެންހުރި ހުރިހައި ހިދުމަތްތަކެއް ލިބެން ހުންނާނޭ ކަމަށް އެއޮތޯރިޓީއިން ވަނީ ބުނެފަ އެވެ. އެގޮތުން ހދ. އަތޮޅާއި އަދި އެއަތޮޅުގެ ކައިރީގެ ސަރަހަދުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މީރާ އަށް ދަންކަންޖެހޭ ޓެކުހާއި އަދިވެސް އެއޮޓޯރިޓީން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތައް ފަސޭހަކަމާއެކު ލިބެން ހުންނާނޭ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
މިރާގެ ކުޅުދުއްފުށީ ބްރާންޗުން ލިބެންހުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރިތައް ޓެކްސް ތަކަށް ރަޖިސްޓްރީ ކުރުމާއި، ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކްސްގެ ފައިސާ އާއި އަދި ދައުލަތަށް ދައްކަންޖެހޭ އިތުރު ފީތައް ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް އެކމައުލޫމާތުތައް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ވާކަމަށް މީރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
މީރާއިން އިތުރަށް ބުނެފައިވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ އޮތޯރިޓީންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުވައި ދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީގައިވެސް މީރާގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށާއި އަދި މިއަހަރު ތެރޭގައި އެހެން އަތޮޅުތަކުގައިވެސް މީރާގެ ހިދުމަތް ދިބޭނޭ އިންތިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.