އުސާމާ ބިން ލާދިން މަރާލި އެމެރިކާގެ ނޭވީ ސީލްއަށް އަޅާ ނުލައި، އެމެރިކާގެ ސަރުކާރުން އޭނާ ދޫކޮށްލާފައިވާ ކަމަށް ރަޝިޔާ ޓުޑޭއިން ބުނެފި އެވެ.

އުސާމާ ބިން ލާދިން މަރާލުމަށް އެމެރިކާއިން 2011 ވަނަ އަހަރު "ނެޕްޓިއުން ސްޕިއަރ" ގެ ނަމުގައި އެމެރިކާއިން ހިންގި އޮޕަރޭޝަންގައި، އުސާމާ ބިން ލާދިން މަރާލުމަށް ބަޑި ޖެހި އެމެރިކާގެ ނޭވީ ސީލްގެ ނަން އެމެރިކާއިން ހާމަ ކޮށްފައި ނުވާ އިރު، "ދަ ޝޫޓަރ" ގެ ނަން އެމެރިކާއިން ވަނީ އޭނާއަށް ދީފައެވެ.

ނަން ހާމަނުކޮށް، އެމެރިކާގެ މީޑިއާއަށް މައުލޫމާތުދެމުން "ދަ ޝޫޓަރ" ބުނީ އޭނާ ނޭވީ ސީލްސްއިން ވަކިވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި، އޭނާ ވަކި ވި އިރު، އެމެރިކާގެ ސަރުކާރުން ލިބޭން ޖެހޭ ޕެންޝަން ވެސް ލިބިފައިނުވާ ކަމަށެވެ.

އެމެރިކާގެ "މޯސްޓް ވޯންޓެޑް" ލިސްޓުގެ އެންމެ ކުރީގައި އުޅުނު އުސާމާ ބިން ލާދިން މަރާލައި، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމާގައި އަލް-ގައިދާ ޖަމާއަތަށް ދެވުނު އެންމެ ބޮޑު ހަމަލާގައި ބައިވެރިވި އެމެރިކާގެ ސީލް "ދަ ޝޫޓަރ" އަށް އެމެރިކާ ސަރުކާރުން އެހީތެރިވަމުންނުދާ ކަމަށް ބުނެ، އާރުޓީ ޑޮޓް ކޮމްއިން ވަނީ އެމެރިކާގެ ސަރުކާރަށް ފާޑުކިޔާފައެވެ.

"ދަ ޝޫޓަރ" އާއި ހަވާލާދީ އެނޫހުން ބުނެފައިވަނީ ސީލްސްއިން ވަކިވުމަށްފަހު، އޭނާއާއި އޭނާގެ އާއިލާ އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި، ސިއްހީ ފަރުވާ ހޯދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އެމެރިކާގެ ސީލް ޓީމްތަކުގައި ބައިވެރިވާ ސިފައިންނަށް އެމީހުން ސީލް ޓީމެއްގައި ހަރަކާތްތެރިވި ކަން ހާމައެއް ނުކުރެއެވެ. މިހެން ކަމުން، އެހެން ވަޒީފާއެއް ހޯދުމުގައި ސީލް ޓީމާއެކު މަސައްކަތްކުރި ވާހަކައާއި، ލިބިފައިވާ ތަޖުރިބާގެ ވާހަކަވެސް "ދަ ޝޫޓަރ" އަށް ހާމަނުކުރެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

އޮބާމާ ސަރުކާރުން، އެސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ސިފަކުރާ އުސާމާ އޮޕަރޭޝަންގައި ބައިވެރިވެ، އުސާމާ ބިން ލާދިން މަރާލުމަށް ބަޑި ޖެހި ސިފައިންގެ މީހާ، މިހާ ހާލުގައި ދިރިއުޅެމުންދާއިރު، އެމެރިކާގެ ރައީސް އޮބާމާ ދައްކަވާ ވާހަކަފުޅާއި އަމަލާ ދިމާނުވާ ކަމަށް އާރުޓީ ޑޮޓް ކޮމްއިން ބުނެއެވެ.

މިދިޔަ "ވެޓެރަންސް ޑޭ" ނުވަތަ ހަނގުރާމަކުރި ސިފައިންގެ ހަނދާނުގައި ފާހަގަކުރާ ދުވަހުގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވެފައިވަނީ އެމެރިކާގެ ދިފާއުގައި ހަނގުރާމަކުރާ އެއްވެސް ސިފައިންގެ މީހަކު ދިރިއުޅުމުގައި ވަޒީފާއެއް ހޯދުމަށް ހަނގުރާމަކުރަން ނުޖެހޭ ވަރު އެމެރިކާއިން ކޮށް ދޭން ޖެހޭނެ ކަމަށާއި، އެމީހުން އެނބުރި ގައުމަށް އައުމުން އެމީހުނަށް ބޭނުންވާ އަޅާލުން އެމެރިކާއިން ދޭނެ ކަމަށެވެ.

އެހެންނަމަވެސް، އުސާމާ ބިން ލާދިން މަރާލުމުގައި އެންމެ އިސް ރޯލެއް ކުޅުނު "ދަ ޝޫޓަރ" ފަދައިން އެމެރިކާއިން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވާ އެތައް މިލިއަން ސިފައިންނެއް، އާމްޑް ފޯސަސްއިން ވަކިވުމަށްފަހު ދިރިއުޅެމުންދަނީ މިފަދަ ހާލެއްގައި ކަމަށް އާރުޓީ ޑޮޓް ކޮމްއިން ބުނެއެވެ.