މިއަހަރުގެ މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވާ ރަށެއްގެ ގޮތުގައި ގދ. ތިނަދޫ ކަނޑައަޅައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވިދާޅުވީ، މުބާރާތް ބާއްވާ ރަށެއްގެ ގޮތުގައި ގދ. ތިނަދޫ ކަނޑައަޅާފައިވަނީ މުބާރާތް ބޭއްވުމަށް އެދި އެ އެސޯސިއޭޝަނަށް ލިބިފައިވާ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ކަމަށެވެ. އަދި ތިނަދޫގައި މުބާރާތް ކުރިއަށް ގެންދިުއމަށް ހަމެހިފައިވާ ފައިނަލް ތާރީހަކީ އަންނަ މާޗް މަހުގެ 24 އިން 27 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.

"މިފަހަރުގެ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުސަތު މިހާރު ވާނީ ހުޅުވާލައިފައި. އަޅުގަނޑުމެން މިހާރު ވަނީ ސްކޫލްތަކަށް ވެސް ދައުވަތު ދީފައި. މުބާރާތުގައި އެއެސޯސިއޭޝަންގެ މެންބަރު ކުލަބުތަކަށް ވެސް ބައިވެރި ވެވޭނެ. މިފަހރުވެސް މުބާރާތް ކުރިއަށް ގެންދާނީ ތިނަދޫގެ ސްޓޭޑިއަމްގައި" މުންތަގިމް ވިދާޅުވި އެވެ.

މިއީ އެ މުބާރާތް ތިނަދޫގައި ބާއްވާ ތިން ވަނަ ފަހަރެވެ. ތިނަދޫގައި މީގެ ކުރިން ބާއްވާފައިވާ މުބާރާތްތަކަކީ 2009ވަނަ އަހަރު ބޭއްވި ތިން ވަނަ މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕާއި 2011ވަނަ އަހަރު ބޭއްވި ފަސް ވަނަ މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕެވެ.