ރާއްޖެ އިން އިސްލާމް ދީން ބަލިކަށި ކޮށްލައި ފޮހެލުމަށް ޓަކައި ވަރަށް ވަރުގަދަ ފިކުރީ ހަނގުރާމައެއް ކުރަމަމުންދާ ކަމަށާއި އެކަމުގައި ނަސޯރާ ދީން ފަތުރާ މުވައްސަސާތަކުން ދަނީ ވަރުގަދަ އަށް ދިވެހި މުޖުތަމައުގައި ހަރަކާތްތެރިވަމުން ކަމަށް އިސްލާމިކް މިނިސްޓަރު ޝެއިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ވެގެންވާ އިސްލާމީ ހަމަތަކާއި އުސޫލުތައް އެއިން ފޮހެލުމަށް ބޭރުގެ ބައެއް ފަރާތްތަކުން އަޑީގައި ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާސޫނީ ހަރަކާތެއް ސިއްރިއްޔާތުގައި ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ދިވެހި ރާއްޖެ އިން އިސްލާމް ދީން ފޮހެލުމަށް ޓަކައި ނުވަތަ ބަލިކަށި ކޮށްލުމަށް ޓަކައި ވަރަށް ވަރުގަދަ ފިކުރީ ހަނގުރާމައެއް ދަނީ ކުރެވެމުން. މި ކަމުގައި ނަސޯރާ ދީން ފަތުރާ މުއައްސަސާތަކުން ދަނީ ވަރުގަދަ ކަމާ އެކު ދިވެހި މުޖުތަމައުގައި ހަރަކާތްތެރި ވަމުން. ރާއްޖޭގެ އެތެރެ އާ ބޭރުން އަޑީގައި ތިބެގެން ދީނުގެ އަސާސްތަކުގެ މެދުގައި ޒުވާނުންގެ ހިތްތަކުގައި ޝައްކު އުފައްދަން ދަނީ މަސައްކަތް ކުރަމުން. އަދި މާސޫނީ ހަރަކާތެއް ސިއްރިއްޔާތުގައި ދިވެހި ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީ އަށް ލިބެމުން އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން އިސްލާމް ދީނާއި ދުރުކޮށް އިސްލާމީ އަގީދާ މި ގައުމުން ފޮހެލުމަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބު ކުރެވޭނީ އެކަން ކަމާ މެދު ދިވެހި އުއްމަތް ހޭލާ ތިބެ އަތު ގުޅާލައިގެން ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިއަރައި ދިއުމަށް އިތުރަށް މަސައްކަތްކޮށް ގައުމުގެ ސަފުތައް މިވަނީ އިތުރަށް ވަރުގަދަކޮށް ބަދަހި ކުރަން ޖެހިފައި ކަމަށެވެ.

އިސްލާމީ އަގީދާ ރާއްޖޭގައި ވަރުގަދަ ކުރުމަށް ގައުމީ މަންހަޖުގެ ތެރެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދީނީ ޝިއާރު ފާޅުކުރުމާއި އިސްލާމީ ޝަރީއަތުގެ އަދުލުވެރި ހުކުމްތައް ގާއިމް ކުރުމުގައި އިޚްލާސްތެރިކަމާ އެކު މުޅި އުއްމަތް މަސައްކަތް ކުރަން އެބަޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް އިސްލާމް ދީނުގެ އަގީދާ އުނގަންނާ ދިނުމުގައި އޯގާތެރި ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ގައުމުގެ ޒުވާނުންނަށް ވަނީ އަގީދާ އޮޅުން ފިލުވާ ދޭން ޖެހިފައި ކަމަށެވެ.

"އިސްލާމީ އަގީދާ ރާއްޖޭގައި ވަރުގަދަ ކުރުމަށް ގައުމީ މަންހަޖުގެ ތެރެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގައުމުގެ ފަހުގެ ޖީލުގެ ގިނަ ޒުވާނުންތައް ވަނީ އަގީދާ އޮޅުން ފިލުވާދޭން ޖެހިފައި. ގިނަ ޒުވާނުން ވަނީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި. ޖަލުތައް ވަނީ ފުރި ބާރުވެފައި. މި ކަމުން އަރައި ގަނެވޭނީ އެކުވެރިކަމާ އެކު މަސައްކަތް ކޮށްގެން،" ޝަހީމް ވިދާޅުވި އެވެ.

ދިވެހިން އިސްލާމް ދީން ގަބޫލުކުރިތާ މިއަދަށް 886 އަހަރު ފުރުނު އިރު ކުރިން ރާއްޖޭގެ ރައްޔިތުން އުޅެމުން އައީ ބުދު ދީނަށެވެ.