އިސްލާމްދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފަސްގަނޑުން ޖާގަ ހޯދުމަށް ބޭރުގެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތާ މެދު ހޭލުންތެރިވެ ތިއްބެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ. ރައީސްގެ މެސެޖުގައި އިސްލާމްދީނަކީ މާތްﷲ ބާވައިލެއްވި އެންމެ މަތިވެރި އެންމެ މާތް ދީން ކަމަށްވާ އިރު ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް އެ ދީނުގެ މަތިވެރި ޢަޤީދާގައި އިތުރަށް ސާބިތުވެ ތިބުމުގެ އަޒުމް އާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމަށް މިއަދު ކޮންމެވެސްވަރެއްގެ ހީނަރު ކަމެއް އަންނަމުންދާކަމީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އަދި އޭގެ ސަބަބުން ހާއްސަކޮށް އާއިލީ ގުޅުންތަކަށާއި ގައުމުގެ މަސްލަޙަތަށް ބުރޫއަރަމުންދާ ކަމަށްވާ ނަމަ އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ އެވެ."ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖެ މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެއްބަނޑުއެއްބަފާ ކަމާއި އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި އަބަދުވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާ އިރު އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި އާއިލީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ރޫޙުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ސިޔާސީ ފިކުރަށްވުރެ ގައުމީ އެއްބައިވަންތަކަން އިސްކުރުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.