ތިން ވަނަ ފަހަރަށް ނިއުކްލިއަ ޓެސްޓެއް ކޮށްފައިވާ ކަމަށް އުތުރުކޮރެއާ ސަރުކާރުން ކަށަވަރު ކޮށްދީފި އެވެ.
އުތުރުކޮރެއާ އިން ބުނީ އެގައުމުގައި އެގައުމުގެ ސަރަހައްދުން ފާހަގަކުރެވުނު ބިންހެލުމުގެ އަސަރަކީ ނިއުކްލިއަ ޓެސްޓްގެ ސަބަބުން ފާހަގަކުރެވުނު ބިންހެލުމެއް ކަމަށެވެ. އަދި ބުނީ އެގައުމުން ނިއުކްލިއަ ޓެސްޓް ކޮށްފައި ރައްކާތެރިގޮތުގައި ކަމަށެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރި ކުރުން ދެކުނުކޮރެއާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޕާކް ގިއުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އަދި އެމައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ދެކުނު ކޮރެއާއިން ވަނީ އެދިފަ އެވެ. އެ ބައްދަލުވުން މިއަދު ބޭއްވޭނެ ކަމަށް ބެލެވެ އެވެ.

އުތުރުކޮރެއާ އިރު އުތުރުން ބިމުގެ ގާތްގަނޑަކަށް އެއް ކިލޯމީޓަރު އަޑިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިކަން ފާހަގަކުރެވުނު ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވެސް ވަނީ ބުނެފަ އެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ބިންހެލުމުގެ އެޕިކް ސެންޓަރު ހުރީ އުތުރުކޮރެއާގެ ކިލްޖޫ ކައުންޓީގައި ކަމަށެވެ. އެއީ އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި ނިއުކްލިއަ ޓެސްޓް ، 2009 ވަނަ އަހަރުގެ މޭމަހުގެ 25 ވަނަ ދުވަހު ކުރި ސަރަހައްދެވެ.

އިއްޔެ ނިއުކްލިއަ ޓެސްޓެއް ކުރާނެކަން ޗައިނާއަށާއި އެމެރިކާއަށް ވާނީ އަންގާފައި ކަމަށް އުތުރުކޮރެއާ ސަރުކާރުން ބުންޏެވެ. ( ރަޝިއާ ޓްޑޭ)