12 Feb 2013, 11:37
ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އެންމެ ބޮޑު އަމާޒަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ކަމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑާއި ދެކޮޅަށް މާދަމާ ރޭ މެޑްރިޑް ނުކުންނާނެ އެވެ. ލަލީގާގައި ވާދަވެރި ބާސެލޯނާ އާއި މެޑްރިޑާއި ދެމެދު ސޯޅަ ޕޮއިންޓްގެ ފަރަގެއް އޮތުމުން މެޑްރިޑުން މިމެޗަށް ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށް ފާގަސަން ގަބޫލުކުރެ އެވެ.
"އަހަރެންނަށް ހީވަނީ އެމީހުންގެ އަމާޒަކަށް ވާނީ ޗެމްޕިއަންސް ލީގު ހެން. ސްޕެނިޝް ލީގުގައި އެމީހުންނަށް ރަނގަޅު ފެށުމެއް ނުނެރެވުމުން މިހާރު ގިނަ ދަތިތަކަކާއި ވަނީ ކުރިމަތިވެފައި. އެހެންކަމުން ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރެން އެމީހުން ގިނަ މަސައްކަތްތަކެއް ކުރާނެ. އަދި ބާސާގެ ރަނގަޅު ކުޅުމާއި ހެދި މެޑްރިޑަށް ވަނީ އެމީހުންގެ ވާދަވެރިން ފަހާލުމަށް ނުކުޅެދިފައި." ފާގަސަން ބުންޏެވެ.
މެޑްރިޑާއި ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން ޖެހޭއިރު މެޑްރިޑް ވެސް ޕްރެޝަރަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ފާގަސަން ބުނެފައި ވެއެވެ. "އަހަރެމެންނަށް މިމެޗު ވަރަށް އުނދަގޫވާނެ. ނަމަވެސް މެޑްރިޑަށް ވެސް ޕްރެޝަރަކާއި ކުރިމަތިލާން ޖެހޭނެ. އެމީހުންނަށް މިމަހު ވާދަވެރި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ." ފާގަސަން ބުންޏެވެ.
މެޑްރިޑަށް މިމަހު ވާދަވެރި ދެމެޗެއް ކުރިއަށް އެބަ ހުއްޓެވެ. އެގޮތުން ޔުނައިޓެޑާއި ކުޅޭ މެޗުގެ އިތުރުން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބާސާ އާއި ދެކޮޅަށް މިމަހު ފަހުކޮޅު މެޑްރިޑް ނުކުންނަން ޖެހޭނެ އެވެ. އަދި އަންނަ މަހު ކުރީކޮޅު ލަލީގާގައި އަލުން ބާސާ އާއި ދެކޮޅަށް މެޑްރިޑް ނުކުންނަން ޖެހޭއިރު، ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ދެކޮޅަށް ވެސް ނުކުންނަން ޖެހޭނެ އެވެ.