އިންޖީނު ރޫމުގައި ރޯވެ، އިންޖީނުތައް ހުއްޓުމުގެ ސަބަބުން އޮޔާ ދަމުންދާ އެމެރިކާގެ ޕަސިންޖާލައިނާ "ކާނިވަލް ޓްރަޔަމްފް" މެކްސިކޯ އަށް ވުރެ މިހާރު އަލަބަމާ އާ ކައިރިވެފައިވާތީވެ، ޓަގުގައި ދަމާފައި އަލަބަމާ އަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ކާނިވަލް ކުންފުނިން ބުނެފި އެވެ.

ތިން ހާހަށް ވުރެ ގިނަ ޓޫރިސްޓުންނާއި 1000 ފަޅުވެރިންނާ އެކު މެކްސިކޯގެ ކައިރީގައިވާ ރަށްތަކަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު، އެމެރިކާގެ ޓެކްސަސްއަށް އެނބުރި ދަނިކޮށް، ޕަސިންޖާލައިނާގެ އިންޖީނު ރޫމުގައި ރޯވެފައި ވަނީ މެކްސިކޯގެ 150 މޭލު ބޭރުންނެވެ.

ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، ބޯޓަށް ކަރަންޓު ދެމުންދަނީ އެމާޖެންސީ ޖެނެރޭޓަރުތަކެއްގެ އެހީގައި ކަމުން ބޯޓުގެ ބުރަފަތިތައް މަސައްކަތްނުކުރާތީވެ، ބޯޓު އޮޔާދަމުންދާ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ވަނީ ބުނެފަ އެވެ. މިގޮތުން ގަދަ ވަޔާއި، އޮއިވަރުގެ ސަބަބުން އިއްޔެ ބޯޓު އޮތް ޕޮޒިޝަނުން 90 މޭލު އުތުރަށް ބޯޓު އޮޔާ ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކާނިވަލް ކުންފުނީގެ އޮފިޝަލުން ބުނީ މިހާރު ބޯޓު އޮތް ސަރަހައްދަކީ މެކްސިކޯ އަށް ވުރެ އެމެރިކާގެ އަލަބަމާއާއި ކައިރި ސަރަހައްދެއް ކަމުން، ބޯޓު ޓަގުގައި ދަމާފައި ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމެރިކާ އަށް ކަމަށެވެ.

ބޯޓު ދަމާފައި ގެންދިއުމަށް ހަމަޖެހިފައިވާ ދެ ޓަގު ބޯޓުގެ ތެރެއިން އެއް ޓަގު ބޯޓު މިހާރު ޕަސިންޖާލައިނާއާއި ގުޅާލާފައިވާ ކަމަށާއި ދެ ވަނަ ޓަގު ބޯޓު މިއަދުގެ ވަގުތެއްގައި ޕަސިންޖާލައިނާއާ ހަމައަށް ފޯރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އޮޔާ ދަމަމުންދާ ޕަސިންޖާލައިނާގައި ތިބި ބައެއް ޓޫރިސްޓުން ވަނީ ބޯޓުގެ ތެރޭގައި ހާލަތު ހުރި ގޮތް އެމެރިކާގެ ބައެއް މީޑިއާތަކާއި ހިއްސާކޮށްފަ އެވެ.

"ޔޫއެސްއޭ ޓުޑޭ"އަށް ދީފައިވާ ބައެއް އިންޓަރވިއުތަކުގައި ފަތުރުވެރިން ބުނެފައި ވަނީ ބޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން ބޯޓުގެ އޭސީތަކާއި ނަރުދަމާގެ ނިޒާމު ވެސް މަސައްކަތް ނުކުރާ ކަމަށާއި ބޯޓުގައި ދަތުރުކުރަމުންދިޔަ ހުރިހާ ޓޫރިސްޓުންގެ ޗުއްޓީ ހަރާބުވެފައިވާ ކަމަށެވެ.

"ކާނިވަލް ޓްރަޔަމްފް"ގައި ދަތުރުކުރަމުން ދިޔަ ޑަޔަލަސިސް ބޭނުންވާ ބަލި މީހެއް މިއަދުގެ ވަގުތެއްގައި ކާނިވަލް ކުންފުނީގެ އެހެން ބޯޓެއް ކަމަށްވާ "ކާނިވަލް ލެޖެންޑު" އަށް ބަދަލުކުރެވި، އޭނާ މެކްސިކޯ އަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުނެ އެވެ.

ކާނިވަލް ކުންފުނިން ވަނީ މިދަތުރުގައި ބައިވެރިވި ހުރިހާ ފަތުރުވެރިންނަށް ބަދަލުދިނުމުގެ ގޮތުން، ދަތުރަށް ދެއްކި ހުރިހާ ފައިސާއެއް ރީފަންޑުކުރާނެ ކަމަށް ބުނެފަ އެވެ. "ކާނިވަލް ޓްރަޔަމްފް" ޓަގުގައި ދަމާފައި އަލަބަމާގެ ބަނދަރަށް ބުރާސްފަތި ދުވަހު ގެންދެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.