އޭސީ މިލާންގެ ކޯޗް މިސިމިލިއާނޯ އަލެގްރީ އަށް "އެއްވެސް އެއްޗެއް އޮޅުން ނުފިލާ" ކަމަށް ބުނީ މަޖަލަކަށް ކަމަށް އެކްލަބުގެ ރައީސް ސިލްވިއޯ ބަރްލަސްކޯނީ ބުނެފި އެވެ.

ދާދި ފަހުން މިލާންގެ ކޯޗާއި ބެހޭގޮތުން ބަރްލަސްކޯނީ ދެއްކި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކަށް ހީވެގެންދިޔައީ ކޯޗް އަލެގްރީގެ ނިމުން އައީ ކަމަށެވެ. އަދި އޭރު އެވާހަކަތައް މީހުންނަށް ސިފަވެގެން ދިޔައީ ކްލަބާއި އަލެގްރީ އާއި ދެމެދު މައްސަލަތަކެއް އުޅޭ ކަމަށެވެ.

"އަހަރެންނާއި ޖެހިގެން އިން މީހަކާއި ބެހޭގޮތުން އޭރު ދެކެވުނު ވާހަކަތަކަކީ ހަމަ މަޖަލަކަށް ދެއްކި ވާހަކަތަކެއް. މީހެއްގެ ނަމެއް ބުނުމުގެ ކުރިން އަހަރެން ބުނި ބަސް ނިސްބަތްވީ އެހެން މީހަކަށް. ނަމަވެސް އޭރު އަހަރެންގެ ހިޔާލަށް އައި ނަމަކީ އަލެގްރީ. އޭރު ވަގުތުން އެވާހަކަތައް ނޫސްތަކުގެ ބޮޑު ސުރުހީ އަށް އެރުވި. އެއީ ނޫސްވެރިން އާންމުކޮށް ކުރާ ކަންތައް،" ކުރީގެ އިޓަލީގެ ބޮޑުވަޒީރުކަން ކުރި ބަރްލަސްކޯނީ ބުންޏެވެ.

އަލެގްރީ އަށް އެއް އެއްޗެއް އޮޅުން ނުފިލާކަމުގައި ބަރްލަސްކޯނީ ބުނުމުން އެ ބަސްތަކަށް އަލެގްރީ އެއްވެސް އެއްޗެކޭ ބުނަން ދެކޮޅު ހަދާފައި ވެއެވެ. "އަހަރެން ދުވަހަކު ވެސް ރައީސް ބުނާ އެއްޗަކާއި މެދު އެއްވެސް ބަހެއް ނުބުނަން. އަހަރެން ބޭނުންވަނީ ޓީމާއި ބެހޭގޮތުން ވާހަކަ ދައްކަން،" މިލާންގެ ކޯޗް އަލެގްރީ ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ކަގްލިއަރީ އާއި ދެކޮޅަށް މިލާން ކުޅުނު މެޗުން ޖެހުނީ ޕޮއިންޓަކުން ފުއްދާލަންށެވެ. އެ މެޗުން ގެއްލުނު ޕޮއިންޓްތަކާއި ގުޅިގެން ހަތަރުވަނާގައި އޮތް އިންޓަމިލާނާއި ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް މިލާނަށް އެބަ އޮތެވެ.