12 Feb 2013, 11:33
އެންމެ ފަހުގެ ޔޫރަޕް ޗެމްޕިއަން ޗެލްސީ ނުވަތަ ސްޕެއިންގެ ޗެމްޕިއަނުން ރެއާލް މެޑްރިޑާއި ގުޅުމަށް ޖަރުމަންގެ ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑް ދޫކޮށް ނުދާނެ ކަމުގައި އެ ކްލަބުގެ ކޯޗް ޖާޖަން ކްލޮޕް ބުނެފި އެވެ.
އުމުރުން 45 އަހަރުގެ ކޯޗް ކްލޮޕް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ވަގުތީ ކޯޗުކަން ކުރަމުންދާ ރަފައެލް ބެނިޓޭޒްގެ ބަދަލުގައި ކްލޮފް ގެނައުމަށް އެ ކްލަބުން މަސައްކަތްކުރާ ކަމަށް ގިނަ ރިޕޯޓްތަކުން ބުނަމުން ދެ އެވެ.
"އަހަރެންނަށް 2016 އާއި ހަމައަށް ކޮންޓްރެކްޓެއް އެބައޮތް. އަހަރެން މިހާރު ވިހި ފަހަރު ބުނެފިން 2016 ގެ ކުރިން ޑޯޓްމުންޑް ދޫކޮށް ނުދާނަމޭ. ބައެއް މީހުން ހީކުރާ ގޮތުގައި ޗެލްސީ ނުވަތަ މެޑްރިޑް ކަހަލަ ކްލަބަކުން އަހަރެންނަށް ހުށަހެޅުމެއް ހުށަހަޅައިފިއްޔާ ދާނެޔޭ،" ކްލޮޕް ބުންޏެވެ.
ޖަރުމަން ބުންޑަސްލީގާގެ ކުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަ ވަމުންދާ ކަމަށް ވެސް ކްލޮޕް ބުނެފައި ވެއެވެ. "އަހަރެންނަކަށް ޕްރެމިއާ ލީގަކާއި ބުންޑަސްލީގާ އާއި ދެމެދު އަޅުވައެއް ނުކިޔޭނެ. އެއީ އަހަރެންނަށް ޕްރެމިއާ ލީގު އާންމުކޮށް ފެންނަނީ ޓީވީ އިން. ބުންޑަސްލީގާގެ ކުޅުން ވަރުގަދަވެގެންދާ ވާހަކަ އަކީ ތެދު ވާހަކައެއް،" ކްލޮޕް ބުންޏެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގެ "މަރުގެ ގްރޫޕް" ގައި ހިމެނުނު ޑޯޓްމުންޑް ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕްގެ އެއްވަނާގައި އޮވެއެވެ. ނަމަވެސް މިސީޒަންގެ ބުންޑަސްލީގާގައި ޑޯޓްމުންޑް އޮތީ ދެވަނާގަ އެވެ. އެއްވަނާގައި އޮތް ބަޔާން އާއި ދެމެދު ފަނަރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މާދަމާރޭ ޑޯޓްމުންޑް ނުކުންނަން ޖެހޭނީ ޝާހްތަރް ޑޮނެސްކް އާއި ދެކޮޅަށެވެ. މާދަމާރޭ 12:45 ގައި ފަށާ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޝާހްތަރްގެ ދަނޑުގަ އެވެ.