މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ބަދަލުކޮށްލި އިންގިލާބަށް ދެ އަހަރު ފުރުމުގެ ގޮތުން ބާއްވަމުންދިޔަ އެއްވުމެއްގައި ހަމަނުޖެހުން އުފެދި، ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ހަމަލާ ބަދަލުކޮށްފި އެވެ.

މިސްރުގެ ފުލުހުންނާއި ހަވާލާދީ، ބީބީސީ އިން ބުނީ ވެރިރަށް ގާހިރާގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ރޭ ކުރިއަށް ދިޔަ އެއްވުން ހޫނުވެ، ހަމަނުޖެހުން އުފެދުނީ އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ބެރިކޭޑެއް ފަޅާލައި ރިޔާސީ ގަނޑުވަރާއި ކައިރިއަށް ދާން މަސައްކަތްކުރުމުން ކަމަށެވެ.

ބެރިކޭޑް ފަޅާލައި، ވަންނަން މަސައްކަތް ކުރި މީހުންނަށް ފުލުހުން ހުރަސް އެޅުމާ އެކު، އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންނާއި ދިމާލަށް ގާ އުކަން ފަށާފައިވާ ކަމަށާއި އެއާ އެކު ފުލުހުން އެއްވެފައިވާ މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ބަދަލުކޮށްލާފައި ވަނީ މީގެ ދެ އަހަރު ކުރިން، ޖެނުއަރީ މަހުގެ ތެރޭގައި ފެށި މުޒާހަރާތަކެއް ހޫނުވެ، ކޮންޓްރޯލުން ނައްޓައިގެން ދިއުމުގެ ސަބަބުންނެވެ. މުބާރަކު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

މިސްރުގެ އިންގިލާބަށް ފަހު، ވެރިކަމާ މިހާރު ހަވާލުވެވަޑައިގެން ހުރި، ރައީސް މުހައްމަދު މޫރުސީ މިސްރުގެ އިންގިލާބުގެ ރޫހާ ހިލާފުވެފައިވާ ކަމަށް ބުނެ، މިސްރުގެ ގިނަ އަދަދެއްގެ އާއްމުން ނުރުހުން ފާޅުކުރަމުންދާ އިރު، އިދިކޮޅު ފަރާތްތަކުން ދަނީ މޫރުސީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.