ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށް ޕާކިސްތާންގެ ގައުމީ ފުޓްބޯޅަ ކޯޗު ޒާވިއާ މިލޯސެވިޗް ބުނެފި އެވެ.

ރާއްޖެ އައި ޕާކިސްތާން ކުޅޭ ރަހުމަތްތެރި ކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗަށް ނިކުތުމުގެ އެފްއޭއެމްގައި އިއްޔެ ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕާކިސްތާންގެ ކޯޗް ޒަވިއާ ބުނީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަކީ ސާކް ސަރަހައްދުގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ޓީމް ކަމަށާއި އެހެން ކަމުން ޕާކިސްތާންގެ ޓީމަށް ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރުން ވެފައި ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ.

"ރާއްޖެއަތުން މޮޅުވުމަކީ އުނދަގޫ ކަމެއް. ހާއްސަކޮށް ގަލޮޅު ދަނޑުގައި. އެކަމަކު މެޗް ކުޅުނީމަ އިނގޭނީ. ރާއްޖެއާ މެޗު ކުޅުމުގެ ކުރިން އަރުމެން ވާނީ ނޭޕާލާ އެކު ވެސް ރަހުމަތްތެރި ކަމުގެ ދެމެޗެއް ކުޅެފައި. އެދެމެޗުން އަހަރުމެން ވަނީ ރަނަގަޅު ކާމިޔާބީއެއް ވެސް ހޯދައިފައި." ކޯޗު ޒާވިއާ ބުންޏެވެ.

ޕާކިސްތާންގެ ޓީމަށް، ރާއްޖެ އަތުން މޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާކަމަށް ސިފަކުރަމުން ކޯޗް ޒާވިއާ ބުނީ، މިވަގުތު ޕާކިސްތާން އޮތީ ރާއްޖެ އަތުން މޮޅެއް ހޯދުމަށް ކެއްމަދުވެފައި ކަމަށެވެ. އެހެން ކަމުން މިރޭގެ މެޗަށް ނިކުންނާނީ މާޒީގައި ރާއްޖެ އަތުން ލިބިފައިވާ ނާކާމިޔާބީތަކުން އަރައިގަނެ ރަނގަޅު ނާތީޖާއެއް ހޯދުމުގެ އަޒުމްގައި ކަމަށެވެ.

މާލޭގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މީގެ ކުރިން ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގަ އެވެ . އެފަހަރު ފާކިސްތާން އަތުން ރާއްޖެ ކުރި ހޯދީ 3-0 ލަނޑުންނެވެ. އަދި 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖްގައި ވެސް ޕާކިސްތާން ވަނީ ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.

ރާއްޖެ އައި ޕާކިސްތާން ކުޅޭ ރަހުމަތްތެރި ކަމުގެ ފުރަތަމަ މެޗް ފަށާނީ މިރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ދެ ވަނަ މެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ.

ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.