ރައްޔިތުން ބޭނުންވާ ގޮތް ސާފުވުމުން އިތުރަށް ހުރަސް ނާޅުއްވައި އަވަހަށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބޭއްވޭނެ ގޮތް ހައްދަވައި ދެއްވުމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އިލްތިމާސް ކުރައްވައިފި އެވެ.


ވީޓީވީ އަށް ދެއްވި އިންޓައުއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މިރޭ ވިދާޅުވީ ރަށްތައް ގުޅައިލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ނުކުތް ގޮތުން، ސަރުކާރުން ރަށްތައް ގެޒެޓްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މަގު ފަހިކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


"މި ވޯޓަކީ ރަށްރަށުގައި ނަގަން ޖެހޭ ވޯޓެއް ކަމަކަށް އަޅުގަނޑުމެނެއް ނުދެކެން. އެހެންނަމެސް ސަރުކާރުން ބޭނުންފުޅުވީމާ އެކަން ވެސް ކޮށް ނިމިފައި އެ އޮތީ. އަޅުގަނޑު ރައީސަށް އިލްތިމާސް ކުރަން ބޭނުންވަނީ ދަންނަވަން ބޭނުން ވަނީ މިހާރު އިންތިހާބުގެ ނަތީޖާ މި ލިބުނީއޭ ރައްޔިތުން އެއޮތީ ގޮތެއް ނިންމާފައޭ ދެން ރައްޔިތުން އަމިއްލަ އަށް ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް ދޫކޮށްލުމަށްޓަކައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިންތިހާބު ބޭއްވުމަށް އިތުރަށް ހުރަސް އެޅޭނެ ގޮތަށް އަމަލުތައް ނުބަހައްޓަވާށޭ،" ތަސްމީން ވިދާޅުވި އެވެ.


ތަސްމީނު ވިދާޅުވީ މިއަދު ނެގި ވޯޓުގެ ނަތީޖާ ނުކުތް ގޮތުން، ޑިމޮކްރެޓިކް އުސޫލަކަށް ވާނީ އަދި ޒިންމާދާރު ކަމާ އެކު ސަރުކާރު ހިންގުން ކަމަށް ވާނީ ވެސް ނުކުތް ނަތީޖާއަށް އިހުތިރާމުކޮށް ކައުންސިލްތަކުގެ އިންތިހާބު ފަސް ނުވާނެ ގޮތަށް ކަންތައް ކުރެއްވުން ކަމަށެވެ.


"މިކަން ކުރެއްވީ މިއީ މިގޮތަށް ކުރަން ނުޖެހޭ ކަމެއްކަމަށް ދަންނަވަނިކޮށް، ކޮންމެވެސް ސަބަބަކާހުރެ ރައީސް މިކަން ކުރެއްވެވީ، މިހާރު ރައްޔިތުން އެއޮތީ ނިންމާ[ފައި]. ވީމާ ދެން އިންތިހާބު އަވަސް ކުރެވޭނެ ގޮތަކަށް އެ މަނިކުފާނުގެ އަމަލުފުޅުތައް ބަހައްޓަވާނެ ކަމަށް ހީކުރަން." ތަސްމީން ވިދާޅުވި އެވެ.