އޮސްޓްރޭލިޔާގައި ވިއްކާ ޓެކްނޮލޮޖީ ޕްރޮޑަކްޓަސްގެ އަގުބޮޑު ކަމުން އަގުތައް ކަނޑައެޅުމަށް ކުންފުނިތަކުން ގެންގުޅޭ އުސޫލުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ބޮޑެތި ބައެއް ކުންފުނިތައް ޕާލިމެންޓްގެ ކޮމިޓީއަކަށް ހާޒިރުކޮށްފި އެވެ.

ޓެކްނޮލޮޖީ ބޮޑެތި ބާރުތައް ކަމަށްވާ އެޕަލް، މައިކްރޯސޮފްޓް އަދި އެޑޯބީ ފަދަ ބޮޑެތި ކުންފުނިތަކުން އުފައްދާ މުދަލާއި ހިދުމަތުގެ އަގު ދުނިޔޭގެ އެހެން ކަންކޮޅުތަކާއި އަޅާބަލާއިރު އޮސްޓްރޭލިޔާގައި ނިސްބަތުން ބޮޑުކަމަށް ބުނެ އެތަނުގެ ޕާލިމެންޓުގެ "ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް" އިން ވަނީ ފައިބެ އަހަރުގެ ޖުލައި މަހު އެމައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

އޮސްޓްރޭލިޔާގައި މުދާ ގަންނަ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތްކުރާ ފާރާތް ތަކުން ވަނީ އެތަނުގައި ވިއްކާ އެފަދަ ބައެއް މުދާތަކުން އެތައްގުނައެއް އިތުރަށް ނަގާ ކަމަށްބުނެ އެމައްސަލަ ކޮމެޓީ އަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އަދި އެ މައްސަލަ ބަލައި ދިނުމަށް ކޮމެޓީއިން ކުރިން އިންކާރު ކޮށްފައިވީ ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 22ގައި އެމައްސަލަ ކޮމިޓީގައި ކުރިއަށް ގެންދިއުމަށެވެ.

ޕާލިމެންޓް މެންބަރެއް ކަމަށްވާ އެޑް ހޫސިކް އާއި ހަވާލާދީ އޮސްޓްރޭލިޔާގެ ނިއުސްޕޭޕާ އެއްގައި ބުނެފައިވާ އެ ގައުމުގައި ހަލުއިކަމާ އެކު ވިކެމުންދާ އިންފޮމޭޝާން ޓެކްނޮލޮޖީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހާޑްވެއާ އަދި ސޮފްޓްވެއާގެ ބާވަތް ތަކުން އެކަނި ވެސް ތަނުގެ ވިޔަފާރިއާއި އިގްތިސާދަށް ވަރަށް ބޮޑު އަސަރެއް ފޯރުވަ އެވެ.

އަދި އޭނާ ވިދާޅުވި ކަމަށް ވަނީ ލަފާކުރެވޭ ގޮތުގައި އެ ގައުމުގައި އެފަދަ މުދަލުގެ އަގުތައް އުޅެނީ އެމެރީކާއާއި އަޅާކިޔާއިރު 60 އިންސައްތަ އަގު ބޮޑުކޮށެވެ. އެހެން ކަމުން މިފަދަ މުދަލުގެ އަގުތައް ތިރިކުރިކޮށް ތަފާތުކުރުންތައް ނައްތާލުމަކީ އެގައުމުގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެން ކަމުން މުދާ އުފައްދާ ފަރާތްތަކުން އަގުތައް ކަނޑައަޅާ ގޮތްތައް އެނގުން މުހިއްމު ކަމަށެވެ.