12 Feb 2013, 10:31
ބެއިޖިންގް (ފެބްރުއަރީ 12): ޗައިނާގެ އިންފްރާސްޓްރަކްޗާ ޒަނާމީ ކުރުމަށް ހިންގާ ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ފާއިތުވި އަހަރުގެ ފަހު ކްއާޓަރުގައި އެކަނިވެސް ފަސް ޓްރިލިޔަން ޔުވާން (794 ބިލިޔަން އެމެރިކާ ޑޮލަރު) ޚަރަދުކޮށްފައިވާނެ ކަން އެގައުމުން ހާމަކޮށްފި އެވެ.
ޗައިނާގެ ޢުމްރާނީ ތަރައްގީގެ ކަންތައްތަކާ ބެހޭ ގައުމީ ކޮމިޓީ އާ ޙަވާލާދީ އެގައުމުގެ ޒިންހުވާ ނޫސް އެޖެންސީ ޚަބަރުދޭގޮތުގައި މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ ތެރޭގައި، މަގުތަކާއި ހައިވޭތަކާއ ރޭލްވޭތަކާއި އެއަޕޯޓްތައް ތަރައްގީ ކުރުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އިތުރުން އާދައިގެ ކުންޏާއި ސިނާޢީ ކުނިބުނި ނައްޓާލުމުގެ ކާރުޚާނާތައް ބިނާކުރުމަށް 794 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާނެ ކަމުގަ އެވެ. މިމަޝްރޫޢުތަކަށް މިއަށް ވުރެ ބޮޑު އަދަދެއް ފާއިތުވި އަހަރުގެ އެހެން ކުއާޓަރުތަކުގައި ޚަރަދުކޮށްފައިވާނެ ކަންވެސް ޗައިނާގެ ޢުމްރާނީ ތަރައްގީގެ ކަންތައްތަކާ ބެހޭ ގައުމީ ކޮމިޓީން ހާމަކޮށްފައިވެ އެވެ.
އަނެއްކޮޅުން މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 120 ބިލިޔަން ޔުވާން (19.25 ބިލިޔަން އެމެރިކާ ޑޮލަރު) ޚަރަދުކުރުމަށް ހަމަޖެހިފައިވާކަން ޗައިނާގެ މާލީ ވުޒާރާއިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެވުޒާރާ އިން ބުނީ މި 19.25 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ހުރި ބައެއް މަގުތައް އިތުރަށް ފުޅާކޮށް އަޕްގްރޭޑް ކުރުމަށާއި އިތުރު މަގުތަކާއި ހައިވޭތައް ބިނާކުރުމަށެވެ. މިކަމުގެ ބޭނުމަކީ އިޤްތިސާދު ކުރިއެރުވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުން ކަމަށްވެސްޗައިނާގެ މާލީ ވުޒާރާއިން ބުނެފައިވެ އެވެ.
ޢުމްރާނީ ތަރައްގީ މަޝްރޫޢުތަކަށް މިހާބޮޑު ޚަރަދެއް ޗައިނާ ކުރަމުން ގެންދަނީ ދުނިޔޭގައި އެންމެ ބޮޑަށް އުމްރާނީގޮތުންނާއި އިންފްރާސްޓްރަކްޗާ ގެގޮތުން ތަރައްގީ ވެފައިވާ ގައުމަކަށް ޗައިނާ ހެދުމަށް އެގައުމުން އެކުލަވާލާފައިވާ ފަސް އަހަރުގެ ޕްރޮގްރާމެއްގެ ދަށުންނެވެ. މިޕްރޮގްރާމަށް ފަސް ޓްރިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަން އެގައުމުން ވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)