ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ ބަޑިން ބިރު ދައްކައިގެން ކަމަށް ބުނެ އެމްޑީޕީން އުފުލަން ފެށި އަޑުތަކާ އެކު ވެރިކަން ބަދަލުވި ގޮތް ބެލުމުގެ މަސައްކަތް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ފެށި އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް އޭރު އޮތް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހިންގި "ބަޣާވާތަކުން" ކަމަށް އެމްޑީޕީން ބުނަމުން ގެންދިޔަ ވާހަކަތަކުގެ ޝައްހަކަން ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއެއް އެކުލަވާލެއްވި އެވެ. ފަސް މެމްބަރުންގެ އެކޮމިޝަންގެ މަސައްކަތެއް ކަމުގައި ކަނޑައެޅީ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށްތޯ ބެލުމެވެ. ނަމަވެސް އެކޮމިޝަންގެ ނިންމުން ވެގެން ދިޔައީ އެމްޑީޕީގެ މެޔަށް ހަރާލި ތޫނު ހަންޒަރަކަށެވެ. ކޮމިޝަނުން ނިންމީ ވެރިކަން ބަދަލުވީ ގާނޫނީ އެއްގޮތަށް ކަމުގައިވާއިރު އެނިންމުން ރައީސް ނަޝީދު ވެސް އެރިޕޯޓް ގަބޫލްކުރި އެވެ. ނަމަވެސް އެކޮމިޝަންގެ މަސައްކަތްތަކާ މެދު އެމްޑީޕީން ސުވާލުތައް އުފެއްދި އެވެ.

ވެެރިކަން ބަދަލުވި ގޮތް ބެލުމަށް ސަރުކާރުން އުފެއްދި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުންނާއި އެމްޑީޕީ އަދި ކޮމަންވެލްތާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭރުގެ ފަނޑިޔާރެއްގެ އިތުރުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައަޅެއްވި މެމްބަރަކު ވެސް ހިމަނައިގެންނެވެ. ނަމަވެސް އެކޮމިޝަނަށް ނަޝީދުގެ ފަރާތްޕުޅުން ކަނޑައަޅުއްވާ މެމްބަރެއްގެ ނަން ފޮނުވުމަށް ސަރުކާރުން ދިން ފުރުސަތުގައި ނަޝީދުގެ ފަރާތްޕުޅުން ތަފާތު ނަންތަކެއް އެތައް ފަހަރެއްގެ މަތިން ފޮނުއްވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ފޮނުއްވި ނަންތަކަކީ ކޮމިޝަންގެ މެމްބަރަަކަށް ވުމުގެ ޝަރުތު ނެތް ބޭފުޅުން ކަމަށް ސަރުކާރުން ގެންދިޔައީ ބުނަމުންނެވެ. އަދި އެގޮތަށް ނަޝީދު ކަންތައް އޭރު ކުރެއްވީ އެ މަަސައްކަތް ދިގު ދެއްމެވުމުގެ ބޭނުުމުގައި ކަމަށް ސަރުކާރުން ސިފަ ކުރި އެވެ.

އެކޮމިޝަންގެ މަސައްކަތްތަކާ ކޮމިޝަންގެ ނިންމުން ކޮމަންވެލްތުންނާއި ބޭރުގެ ދުނިޔޭގެ ގައުމުތަކުން ވެސް ބަލައިގެންފައިވާ އިރު އެރިޕޯޓް އެކުލަވާލުގައި އެކޮމިޝަނަށް ހާޒިރުކުރި ގައުމީ ދިފާއީ ބާރުތަކުގެ އިތުރުން ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކުން "ބައެއް އުނިކޮށް" އެ ރިޕޯޓް އެކުލަވާލާފައި ވަނީ އޮޅުންއަރާ ފަދަ ގޮތަަކަށް ކަަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމްޑީޕީން ގެންދިޔައީ ބުނަމުންނެވެ.

އެމްޑީޕީން އެރިޕޯޓާ މެދު ކުރަން ފެށި ތުހުމަތުތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ކޯނީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން އެކޮމިޓީ އަށް ހާޒިރުކޮށް މައުލޫމާތުތަކެއް އެއްކުރި އެވެ. ނަަމަވެސް އެކޮމިޓީ އަށް އޭގެތެރެއިން ބައެއް ބޭފުޅުން ދެއްވި މައުލޫމާތުތައް އެކޮމިޓީން ވަނީ އާއްމުކޮށްފަ އެވެ. އަދި އެކޮމިޝަނަށް އެކި އެކި ފަރާތްތަކުން ދީފައިވާ މައުލޫމާތަކަށް ރިއާޔަތްކޮށް އެކޮމިޓީން ވަނީ އެރިޕޯޓްގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތަކީ ވަކި ސިޔާސީ ލީޑަރަކު "ފްރޭމް" ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ނޫން ކަމުގަ އާއި އެކަން ޔަގީން ވަނީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެންބަރުނާއި އެމްޑީޕީގެ މެންބަރުން ކޮމެޓީގައި ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކަމުގައި އެވެ. " ކޮމެޓީން ކުރިއަށް ގެންދަނީ "އިންކުއަރީ"އެއް، ކޮމެޓީން ހޯދާ ހޯދުންތައް ރިޕޯޓެއްގެ ގޮތުގައި އެކުލަވާލާނީ ތޯތޯ ވާހަކަ ހިމަނައިގެން ނޫން، 'ފެކްޓް'ހިމަނައިގެން،"ތޯ އަލީ ވަހީދު ވިދާޅުވި އެވެ.' އަދި ކޯނީގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެކޮމިޓީ އަށް ހާޒިރު ކުރި ބޭފުޅުންގެ ތެރެއިން އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އެކޮމިޓީ އަށް ދެއްވި އިންޓަވިއެއްގައި ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވިދާޅުވެފައިވާ އިރު ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް އަހަވާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން ހަތިޔާރުގެ ހެވި ކަމުގެ ހަރަކާތެއްގެ ތެރޭގަޔާއި ވިހަ ކެމިކަލެއް ބޭނުންކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައިވާ އޯޑިއޯތަކެއް އެމްޑީޕީން ވަނީ ލީކްކޮށްފަ އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތް ނުނިމެނީސް އެކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި ސިފައިންނާއި ފުލުހުންގެ ކުރީގެ އިސްވެރިންގެ ބައެއް ވާހަކަތައް އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އާއްމުކުރުމަކީ ވެސް ކޮމިޓީގެ މަަސައްކަތާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ކަމެކެވެ. އަދި އެކޮމިޝަނަށް ސަރުކާރުގެ އެއްވެސް ވަޒީރަކު ވަޑައިގެންނުގެންނަވާނެ ކަމަށް މަޖިލީހުގެ ރައީސަށް އަންގަވައި ސަރުކާރުން ވަނީ ސިޓީއެއް ވެސް އަބްދުﷲ ޝާހިދަށް ފޮނުއްވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ އެކޮމިޓީން ކޯނީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ފަށައި ވަނީ އެރިޕޯޓާ މެދު އަމަލުކުރާނެ ވަކި ގޮތެއް މަޖިލީހުން ނިންމާފައި ނުވަނީސް ކަމުގައިވާއިރު އެމަސައްކަތްތައް އެކޮމިޓީން އެރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ގާނޫނު ގާނޫނީ އޮނިގަނޑުގެ ތެރެއިިންކަން ޔަގީންކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ. " ގާނޫނީ އޮނިގަނޑުގެ ބޭރުން ހިނގާ ކަމެއްގައި އެކިއެކި މީހުން ހާޒިރުކޮށް މައުލޫމާތު ހޯދައި، ގާނޫނީ މުއާމަލާތްތައް ކުރުމަކީ ނުރަނގަޅު ދުސްތޫރީ އިޖުރާއަތްތަކެއް ގާއިމް ކުރެވި، އެކި ފަރުދުންގެ އަސާސީ ހައްގުތައް ގެއްލި، ދުސްތޫރީ އުސޫލުތައް އޮޅިގެންދާނެ ކަމަކަށް ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ ކަންތައް ހިނގަމުން ދަނީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިންކަން ޔަގީން ކޮށްދެއްވުމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ އެދެމެވެ،" އެސިޓީގައި އާޒިމާ ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ޑރ. ވަހީދު ފޮނުއްވި ސިޓީގެ ޖަވާބުގައި ޝާހިދު ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ކޮމެޓީ އަށް ހާޒިރުވި ބޭފުޅުން ކޮމެޓީއަށް ދިން ބަޔާންތައް މަޖިލީހުގެ ވެބްސައިޓްގައި ހިމަނާފައި ވަނީ އެ ކޮމެޓީން އެގޮތަށް ފާސްކުރުމުން ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދުން ލިބިގެންވާ ބާރުގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޝާހިދުގެ އެނިންމެވުމާ މެދު މައްޝޫރު ގާނޫނީ ވަކީލު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ؛"އެ ކޮމެޓީގެ މެންބަރުންނާއި ކޮމެޓީގައި ހިމެނިވަޑާއިގަންނަވާ އެމްޑީޕީގެ މެންބަރުންގެ ވެސް އެއްވެސް މައްސަލައެއް ނެތް، ހަމައެކަނި މައްސަލަ އަކީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން "ގަވާއިދު އޮޅާލައި، ނޭނގޭ ކަމަށް" ހަދައިގެން މަސައްކަތް ކުރުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަން، ކޯނީގެ ރިޕޯޓްގައި ސިފައިން "ބަޣާވާތް" ކުރި ވާހަކަ ނުހިމެނި ސަބަބު ބެލުމަށް ވެސް ސަަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި ވެރިކަން ބަދަލުވުމުގައި ދައުލަތާއި ދެކޮޅަށް ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެކޮމިޓީ އަށް ހާޒިރުވެވަޑައިގެން ބައެއް ސިފައިންގެ ބޭފުޅުން ވިދާޅުވެފައިވާ އިރު "ބަގާވާތް"ގެ ވާހަކަ ކޯނީގެ ރިޕޯޓްގައި ބަޔާންކޮށްފައިނުވާ މައްސަލަ ބެލުމަށް ވެސް އެކޮމިޓީން ވަނީ ނިންމަފައިފަ އެވެ.

މީގެ އިތުރުން ކޮނީ ރިޕޯޓްގައިވާ ރިކޮމަންޑޭޝަންތަކުގައިވާ ކަންތައްތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެފައިވާ އިރު އެމަނިކުފާނު ވިދާޅުވި ގޮތަށް އެކަންތައްތައް ހިނގާތޯ ބެލުމަށް ވެސް އެކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި އެދުވަހު ގާނޫނާ ހިލާފުވެފައިވާ ސިފައިންނާ ފުލުހުންގެ ލިސްޓެއް ހޯދުމަށް ވެސް އެކޮމިޓީން ވަނީ ނިންމައިފަ އެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ސަރުކާރާއި ކޮމަންވެލްތުން އެމްޑީޕީއާ އެކު ވި އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ އިރު އެ ކޮމިޝަނުން ނިންމި ނިންމުން ދިރާސާ ކުރުމުގެ ނަމުގައި ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ އިރު ކުރިން ސަރުކާރުން ބޮޑަތި ހަރަދުތަކެއް ކޮށްގެން ކޮށްފައިވާ މަސައްކަތުގެ ޝައްހަ ކަމާ މެދު ސުވާލު އުފައްދައި މިހާރު މަޖިލީހުގެ ކޮމިޓީން ކުރަމުން ގެންދާ މަސައްކަތްތައް ކޮޅެއްގައި ނުޖެހި ހިނގައިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ. އެ ރިޕޯޓް ދިރާސާ ކުރުމުގެ ވާހަކަ ދެއްކުމުގެ މަގުސަދާ މެދު ވެސް އޭރުން ހަމަ ޔަގީނުން ވެސް ގިނަ ބަޔަކު ސުވާލުކުރާނެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ޑެލެގޭޝަންގެ ވެރިޔާ ބާނާޑް ސެވޭޖް ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ ރިޕޯޓާ މެދު މިހާރު ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވިޔަސް އެ ކޮމިޝަން އުފެއްދި އިރު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ކޮމިޝަން ގަބޫލުކުރި ކުރި ކަމުގަ އެވެ.

ކޯނީގެ ރިޕޯޓްގެ ނިންމުން އައިސްފައި ވަނީ އެކި އެކި ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް ވޭރިފައި ކުރުމަށް ފަހު ނުކުންނަ ނަތީޖާގެ މައްޗަށް ކަމަށް ބެލެވެ އެވެ. އެހެން ކަމުން ކޯނީގެ ރިޕޯޓަށް މައުލޫމާތު ދިން އެތައް ސަތޭކަ ބައެއްގެ މައުލޫމާތު ވަކިވަކިން ކޮމެޓީގެ ނިންމުމުގައި ނެތުމަކީ ކޮމެޓީގެ ނިންމުން ސައްހަކަމާ މެދު ސުވާލު އުފައްފައްދަން ޖާގަ އޮތް ކަމަކަށް ގިނަ ބަޔަކު ނުދެކޭނެ އެވެ. ނަމަވެސް "ސިޔާސީ ކުލަ" ޖެހިގެން، ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ކުރާ މަސައްކަތާ މެދު އެ ނަޒަރުން ވިސްނުމުގެ ޖާގަ އޮތް ކަމަށް ގިނަ ބަޔަކު ދުށުމުގެ ފުރުސަތު އޮތް ކަަމަށް ބަޔަކު ދެކެފާނެ އެވެ.