12 Feb 2013, 09:49
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭ ހެކިތައް ކޮމެޓީން ހޯދުމަށް ފަހު، ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރުމަށް މަޝްވަރާކޮށްފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޖުމްހޫރީ ޕާޓީގައި ހުންނެވި އިރު ރައީސް ނަޝީދާ ދެކޮޅަށް މަޖިލީހަށް ހުށަހެޅުއްވި ގަރާރަކުން އުފެއްދެވި ހަތް މެންބަރުންގެ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި، ސިންގަޕޫރުގައި ކޮމެޓީ ބައްދަލުވުން ބޭއްވުމަށް މަޖިލީހުން ހަރަދު ދެވެން ނެތް ކަމަށް އަންގާފައި ވާތީ އެކަމާ މަޝްވަރާކޮށްފައިވެ އެވެ. ކޮމެޓީން ކުރިން ފާސްކޮށްފައި ވަނީ ސިންގަޕޫރުގައި ބާއްވާ ކޮމެޓީ އަށް ރައީސް ނަޝީދު ހާޒިރު ކުރުމަށެވެ.
ރައީސް ނަޝީދު ކޮމެޓީއަށް ހާޒިރު ކުރުމާމެދު މެންބަރުންގެ މަޝްވަރާއަށް ހުޅުވާލުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މޫސާ ޒަމީރު ވިދާޅުވީ "މިވަގުތުން ވަގުތަށް" ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރުކުރަން ނުޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރަން ޖެހޭނީ ކޮމެޓީގެ ހޯދުންތަކަށް ފަހު ޖަވާބުދާރީ ކުރަން ޖެހޭ ކަމެއް ފެންމަތިވެއްޖެ ނަމަ އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 'މިވަގުން މިވަގުތަށް' ރައީސް ނަޝީދު މި ކޮމެޓީ އަށް ހާޒިރު ކުރަންކަން ނުޖެހޭ. އެކަން އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކޮމެޓީން ހޯދާ ހޯދުންތަކަށް ފަހު ރައީސް ނަޝީދު މިކޮމެޓީ އަށް ހާޒިރު ކުރަންޖެހޭނީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
ކޮމެޓީގެ ހިމެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ ކޮމެޓީ އަށް ބަލަން ނިންމާފައިވާ ކަންތައްތައް ވަކިވަކިން ބެލުމަށް ފަހު ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމިދާނެ ކަމަށެވެ.
ނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާ ދުވަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުން ނުވަނީ އިސްވެ، މިރާއްޖޭގެ ރައީސުން ހާޒިރު ކުރުމުގެ އުސޫލު ގާއިމް ކުރަން. މި ކޮމެޓީން ނިންމަންވީ މާދަމާ 10:00 ޖަހާއިރަށް ރައީސް ނަޝީދު ހާޒިރު ކުރަން. އަޅުގަނޑު ހަމަ ޔަގީންކަން ދެން 9:55 އަށް ރައީސް ވަހީދާއި ރައީސް މައުމޫން ކޮމެޓީ އަށް ދައުވަތު ދޭނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި މެންބަރުން އިތުރަށް މަޝްވަރާކޮށްފައި ވަނީ ކޮމެޓީ އަށް އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާއި ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގެ ބުނާ ކަންތައްތައް ތަހުގީގު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ލިޔެކިޔުންތައް ފޮނުވާފައި ނުވާތީ އެކަމާ މެންބަރުން މަޝްވަރާ ކުރެއްވި އެވެ. އަދި ކޮމެޓީން ވަކިވަކިން ބަލާނެ މައްސަލަތައް ވެސް ކޮމެޓީން ކަނޑައެޅި އެވެ.
އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި އިންތިގާލީ ސްޕްރީމް ކޯޓްގައި ތަޅު އެޅުވި މައްސަލައާއި ފުލުހުން މެދުވެރިކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަންދު ކުރި މައްސަލަ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ ވެސް ބެލުމަށް ކޮމެޓީން ނިންމި އެވެ. އަދި 2010 ވަނަ އަހަރު އައްޑޫ އަކީ ސިޓީއެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އައްޑޫގައި ކުރި މުޒާހަރާއެއްގައި ހުޅުމީދޫ ކޯޓާއި ހިތަދޫ ކޯޓު ބަންދު ކުރި މައްސަލަ ވެސް ކޮމެޓީން ބެލުމަށް ނިންމި އެވެ.
ދަށު ކޯޓުތައް ގަބޫލު ހުކުމް ތަންފީޒު ނުކުރުމަށް ރައީސް މުހައްމަދު ނަޝީދު ނެރުއްވަން އުޅުއްވި ގަރާރުގެ މައްސަލަ ވެސް ކޮމެޓީން ބެލުމަށް ވަނީ ނިންމާފަ އެވެ.
ކޮމެޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ އެ ގަރާރު ތައްޔާރު ކުރި ފަރާތްތައް ވެސް ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓާއި ޖޭއެސްސީ ބަންދު ކުރުމަށް ފުލުހުންނާއި ސިފައިން އަދާކޮށްފައިވާ ދައުރު ބެލުމަށް އެ ފަރާތްތައް ވެސް ކޮމެޓީ އަށް ހާޒިރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮމެޓީއަކުން އެ ބޭފުޅުން ހާޒިރު ކުރާނެ ކަމަކަށް ނުނިންމަ އެވެ.