ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އަބްދުﷲ ޔާމިނަށް ތައުރީފު ކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ޔާމީނަށް ތައުރީފު ކުރައްވައި އަލީ ވަހީދު ވާހަކަފުޅު ދެއްކެވީ ރޭ ބޭއްވި ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ކޮމެޓީގަ އެވެ. އެ ކޮމެޓީގައި ޔާމިންއާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވެން ފެށީ ޔާމިންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރީ"ގެ މައްސަލަ ގައުމީ ސަލާމަތު ކޮމެޓީން ތަހުގީގު ކުރާ ގޮތަށް ފާޑުވިދާޅުވެ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވާހަކަފުޅު ދައްކަވަން ފެށުމުންނެވެ.

ރިޔާޒަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ޔާމިންއާ ދެކޮޅަށް 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި ސަބަބަކީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އޭނާ ތާއީދު ކުރައްވަނީ "ޔަގީން ޓީމު"ގެ ޔާމީން އަށް ކަމަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އޭނާ ތާއިދު ކުރައްވަނީ ޔާމީން އަށް ކަމަށާއި މަޖިލީހުގައި ވެސް އެ ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަބްދުﷲ ޔާމީން ފަދަ ހަރުދަނާ ލީޑަރުން ތިބެގެން މެނުވީ ރާއްޖެ ހަމަޔަކަށް ނޭޅޭނެ ކަމަށެވެ.

"އައްސަތޭކަ މިލިއަން ޑޮލަރުގެ ވާހަކަ މުގައްރިރު [ރިޔާޒު ރަޝީދު] އިޝާރާތް ކުރެއްވީ. އަޅުގަނޑު މުގައްރިރަކަށް [ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރަކަށް] އިންއިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން އެއީ ނުހިނގާ ކަމަކަށް ލިޔުމެއް ނުފޮނުވާ. ދެން އަޅުގަނޑު މިއަދު މި ކޮމެޓީގައި 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކާކަން ނެތިން. އެއީ އަޅުގަނޑަކީ ޕީޕީއެމްގެ ޔަގީން ޓީމުގެ އަބްދުﷲ ޔާމީނަށް އެ ޕްރައިމަރީ ކާމިޔާބު ކުރެވޭތޯ ތާއިދު ކުރާ މީހެއް. އަޅުގަނޑު މަޖިލީހުގައި ވެސް އެވާހަކަ ދައްކާފައި އޮންނާނީ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ހަރުދަނާ ލީޑަރުން ތިބެގެން ނޫނީ ގައުމު ހަމަޔަކަށް ނޭޅުވޭނެ. އެހެންވީމާ އަޅުގަނޑު ލައްވައި އަބްދުﷲ ޔާމީންނަށް އެއްޗެހި ކިޔުއްވަން މުގައްރިރު މަސައްކަތްކޮށްގެންނުވާނެ،" 800 މިލިއަން ޑޮލަރުގެ މައްސަލާގައި ރިޔާޒް ރަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އަށް ރައްދު ދެއްވައި، ޔާމީން އަށް ތައުރީފު ކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ލައްވައި ޔާމީން އަށް ފާޑުކިޔުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި ސަބަބަކީ ޕާޓީއެއްގެ ލީޑާޝިޕަށް ހަރުދަނާ ބަޔަކު އައުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ހެވެއް ކަމަށެވެ. އަދި ރާއްޖެ އިން ތެޔޮ ހޯދުމަށް ޔާމީން ވެފައިވާ ވައުދަށް ތާއިދު ކުރައްވާ ކަމަށާއި އެފަދަ މަސައްކަތެއްކޮށްގެން ރާއްޖެ އިން ތެޔޮ ފެނިއްޖެ ނަމަ "އެންމެނަށް ވެސް ރަނގަޅުވާނެ" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޔާމީން އަށް ތައުރީފުކޮށް ވާހަކަތެއް ދެއްކި ޔަސް އޭނާ ހުންނާނީ އެމްޑީޕީގައި ކަމަށެވެ.

"އަޅުގަނޑު ލައްވައި އަބްދުﷲ ޔާމީން އަށް އެއްވެސް އެއްޗެއް ކިޔުއްވަން އުޅުއްވާނެ ކަމެއް ނެތް. އަބްދުﷲ ޔާމިންއަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ތާއީދު ކުރާ މީހާ. އަޅުގަނޑު ހަމަ ހުންނާނީ އެމްޑީޕީގައި. ޒިންމާދާރު އެހެން ޕާޓީއެއްގެ ލީޑާޝިޕް ރަނގަޅުވަންޏާ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ހެވަކަށްވާތީ މި ދައްކަނީ. ދެން އަޅުގަނޑު ދެރަވޭ އެ ތުލުގެ ވާހަކަ ދައްކަން އުޅޭތީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަބްދުﷲ ޔާމިން އެސްޓިއޯގެ ޗެއާމަނަކަށް ހުންނެވި އިރު ހިންގެވި ކަމަށް ބުނާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ މަޖިލީހުން ތަހުގީގު ކުރަން ފެށީ އަލީ ވަހީދު ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރަކަށް ކުރެއްވިއިރު އެވެ. އަލީ ވަހީދުގެ މުގައްރިރު ކަމުގައި ޔާމިން ކޮމެޓީ އަށް ހާޒިރުކޮށް، އެ މައްސަލާގައި އޭނާ ޖަވާބުދާރީ ވެސް ކޮށްފައިވެ އެވެ.

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނެވުމަށް ފަހު 2011 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެން އަލީ ވަހީދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑު މީހަކާ ދުރެއް ނުވާނަން ކައިރި ނުވެވޭރަކަށް. ކައިރިއެއް ނުވާނަން ދުރު ނުވެވޭ ވަރަކަށް،" މިހެންނެވެ.

އޭރު ޕީއޭގެ ލީޑަރަކަށް ހުންނެވި ޔާމީން، ޒެޑް ފެކްޝަންގެ ޖަލްސާގައި އަލީ ވަހީދު އެ ވާހަކަފުޅަށް އިޝާރާތްކޮށް ވިދާޅުވެފައި ވަނީ "ދުރުވި ކަމުގައިވީ ނަމަވެސް އަމުދުން ގާތް ނުވެވޭ ވަރަށް،" ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަފުޅު ނުދެއްކުމަށް އެދޭ ކަމަށެވެ.