12 Feb 2013, 09:19
ގަމުން: އަހުމަދު މުޖްތަބާ
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖެޓްކްރާފްޓް އެއާބަސް އޭ320ގެ ދަތުރެއް ފުރަތަމަ ފަހަރަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ޖައްސައިފި އެވެ.
ޗައިނީޒް އާއަހަރާ ދިމާކޮށް މޯލްޑިވިއަންގެ އޭ320 މަރުކާގެ ބޯޓު އިއްޔެ ގަމަށް ދަތުރުކޮށްފައިވަނީ ގިނައަދަދެއްގެ ފަތުރުވެރިންނާއި ދިވެހި ޕަސެންޖަރުންނާ އެކު އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ އިއްޔެ އަކީ އެކުންފުނީގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. އަދި ރައްޔިތުންގެ ތަރުހީބުއޮތްނަމަ ޖެޓް އެއާކްރާފްޓްގެ ދަތުރުތައް ކުރިއަށް އޮތްތާގައިވެސް މާލެއާއި ގަމާ ދޭތެރޭ ބޭއްވުމަށް ގަސްދުކުރަށްވާ ކަމަށާއި އެހެން ނަމަވެސް އަދި އެ އެއާކްރާފްޓްގެ ދަތުރުތަށް ޝެޑިއުލްކޮށްގެން ނުފަށާ ކަމަށް ހާރިޝް ވިދާޅުވިއެވެ.
"މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް އުފާރި ދުވަހެއް މި ކުންފުނީގެ ހަޔާތުގައި. އަޅުގަނޑުމެންގެ ފުރަތަމަ އޭ320 އެއާކްރާފްޓް ގަމަށް ޖެއްސި ދުވަސް. އަދި ފުދޭވަރަކަށް ބޮޑު ޑިމާންޑެއް ގަމުން މާލެއަށް އޮވެގެން އަޅުގަނޑުމެން ކުރި ދަތުރެއްމީ،" ހާރިސް ވިދާޅުވި އެވެ. "އަޅުގަނޑުމެން އަދި މި އެއާކްރާފްޓްގެ ޝެޑިއުލް ދަތުރުތައް ނުފަށަން. ޖެޓްއެއާކްރާފްޓްގެ ދަތުރުތަކަކީ އާދައިގެ އެއާކްރާފްޓް ތަކާއި އަޅާބަލާއިރު ވަރަށް ހަރަދުބޮޑު ދަތުރުތަކެއް. އެހެންވީމާ މީގެ ލޯޑް އަޅުގަނޑުމެންނަށް ފުދޭވަރަކަށް ނެތިއްޔާ އަޅުގަނޑުމެންނަށް މީތި ފައިނޭންޝަލީ ޖަސްޓިފައި އެއް ނުވާނެ. އެހެންވީމާ ރައްޔިތުންގެ ތަރުހީބު އަޅުގަނޑުމެންނަށް އޮންނަ ވަރަކުން އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ހަމަ ޖެޓްއެއާކްރާފްޓްގެ އިތުރު ދަތުރުތައް އިތުރަށް ބާއްވަނަން،" ހާރިޝް ވިދާޅުވި އެވެ.
އެއާކްރާފްޓް ބަދަލުވުމާއި ގުޅިގެން އަގުތަކަށް އެއްވެސް ބަދަލެއް އަތުވެދާނެތޯ ސަން އިން ދެންނެވުމުން ހާރިޝް ވިދާޅުވީ ޖެޓް އެއާކްރާފްޓްގެ ދަތުރުތައް ކުރި ކަމުގައިވީ ނަމަވެސް އަގަށް ބަދަލު ގެންނަން ވިސްނާފައި ނުވާ ކަމަށެވެ.
މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކުންފުނިން ކުރިން ބޭނުން ކުރަމުންއައީ، އެކުންފުނީގެ ބައިނަލްއަގްވާމީ ދަތުރު ތަކަށް ހާއްސަ ކޮށްގެން ނެވެ. އެގޮތުން އެ އެއާކްރާފްޓް މިހާރުވެސް ދަނީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަނގްލަދޭޝްގެ ޑާކާ އަށް ދަތުރުތަށް ކުރަމުންނެވެ. އެބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.