އުތުރު ޕްރޮވިންސްގެ ގައުމީ އިދާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ހުންނެވި ބޭފުޅާ މަގާމުން ވަކިވުމުން ވެސް އެބޭފުޅާ އަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ހަތަރު ލައްކައެއްހާ ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މަގާމުގައި ހުންނެވީ މުހައްމަދު ފަހީމެވެ. އޭނާ އަކީ އެމްޑީޕީ މެންބަރެކެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް މިއަދު ސޮއިކުރައްވައި ނެރުއްވާފައިވާ އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ޕްރޮވިންސްގެ ގައުމީ އިދާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި ބޭފުޅާ 2011 ވަނަ އަހަރުގައި ނ. އަތޮޅުގެ ކައުންސިލްގެ މެމްބަރަކަށް އިންތިހާބުވެ ކައުންސިލުން މުސާރަ އާއި އިނާޔަތައް އެ ބޭފުޅާ އަށް ދެއްވަން ފައްޓެވި ފަހުން ވެސް ގައުމީ އިދާރާގެ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް އެބޭފުޅާ އަށް ދެއްވާފައިވާ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 381548ރ. އެ ބޭފުޅާގެ އެކައުންޓަށް ގައުމީ އިދާރާ އިން ޖަމާކޮށްފައިވާ ކަމަށެވެ.

ވަޒީފާ އިން ވަކިވި ފަހުން ގަވާއިދާ ހިލާފަށް މުސާރަ އާއި އިނާޔަތް ދިން މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ އެ ފައިސާ އަނބުރާ ދައުލަތުގެ ކޮންސޮލިޑޭޓް ރެވެނިއު ފަންޑަށް ޖަމާކުރުމަށެވެ.

އެ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި 2011 ވަނަ އަހަރު އެ ޕްރޮވިންސްގެ ސްޓޭޓް ސެކެޓަރީއެއްގެ ބޭންކް އެކައުންޓަށް ޕޭމަންޓް ވައުޗާ ތައްޔާރުކުރެއްވުމަކާ ނުލައި ދެ ފަހަރެއްގެ މަތިން 20000ރ. ޖަމާކޮށްދީފައިވެ އެވެ. އަދި އެ ފައިސާ އިން ކޮށްފައި ވަނީ ކޮން ހަރަދުތަކެއް ކަމެއް ގައުމީ އިދާރާގެ ލިޔެކިޔުންތަކުން އެގެން ނެތް އިރު އެ ފައިސާ އިން ހަރަދުކުކޮށްފައި ވަނީ ސްޓޭޓް ސެކެޓަރީ އާއި ހެލްތު މިނިސްޓްރީގެ އިސް މުވައްޒިފަކު އިންޑިއާ އަށް ދިއުމުގެ ޓިކެޓާއި ހުންނެވުމުގެ ހަރަދާއި އެއްގަމު ދަތުރު ފަތުރަށް ކަމަށް، ހުށައެޅި ބިލްތަކުން އެނގޭ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ބޭފުޅުންގެ މުޅި ދަތުރު ހަރަދަށް 31،151ރ. އެރުމުން އިތުރަށް ހަރަދުވި 11151ރ. ސްޓޭޓް ސެކެޓަރީގެ އެކައުންޓަށް ފަހުން ޖަމާކުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށްކޮށްފައިވާ ދަތުރުތަކުގެ ފައިސާ ހޯދައި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ގައުމީ އިދާރާގެ ވެރިންގެ އަމިއްލަ ހަރަދުތައް އެ އިދާރާގެ ބަޖެޓުންކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ޕްރޮވިންސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓާއި އެ ބޭފުޅާގެ އާއިލާ މާލެއިން ކުރެއްދޫ ރިސޯޓަށް ވައިގެ މަގުން ކުރެއްވި ދަތުރަށް 1530ރ. ހަރަދުކުރުމާއި 2011 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު އެ އިދާރާގެ މިނިސްޓަރު އޮފް ސްޓޭޓާއި އެ ބޭފުޅާގެ އާއިލާ އިން ކުރެއްދޫ ރިސޯޓަށް ވައިގެ މަގުން ކުރެއްވި ދަތުރުގެ ޓިކެޓަށް 2025ރ. ގައުމީ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ވަނީ އޭނާގެ މައްޗަށް ފިޔަވަލު އެޅުމަށް އަންގަވައިފަ އެވެ.

އަދި ގައުމީ އިދާރާގެ ސިޔާސި މަގާމުގައި ހުންނަވާ ފަރާތްތަކުގެ އެކޮމެޑޭޝަންއާއި ފަރިއްކޮޅު ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށް ކަމަށް ކަނޑައަލާފައިވީ ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އެ އިދާރާގައި މަސައްކަތްކު ރެއްވި ސިޔާސީ ފަރާތްތަކަށް އެކޮމެޑޭޝަން ދައުލަތުގެ އިމާރާތަކުން އަގަކާއި ނުލައި ހަމަޖައްސައި ދީފައިވާ އިރު އެ ބޭފުޅުންނަށް ލިވިން އެލަވަންސް ވެސް ދެއްވާފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން އެ ބޭފުޅުނަށް 2011 ވަނަ އަހަރު ލިވިން އެލަވަންސްގެ ގޮތުގައި ޖުމުލަ 776000ރ. ހަރަދުކުރައްވާފައިވާކަން ވަނީ އެ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.

އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުގެ މާއްލިއްޔަތު ގަވައިދާ ހިލާފަށް ބަޖެޓުން ކަނޑައަޅިފައިނުވާ ކަން ކަމަށް ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށާއި އެ ގޮތުން ދައުލަތުގެ އެހެން މުއައްސަސާއެއްގެ ބޭނުމަށް ކޮށްފައިވާ ދަތުރަކަށް 28990ރ. ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ގައުމީ އިދާރާ އިން ހަރަދުކޮށްގެން ދަތުރުތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓް މެމްބަރުންތަކެއް ގޮވައިގެން ދެ ދަތުރުކުރުމާއި ގައުމީ އިދާރާގެ މުއައްޒިފެއްގެ ކައިވެނި ޕާޓީ އަކަށާއި އީދު ޗުއްޓީ އަށް މީހުން ގެންދިއުމަށް ލޯންޗް ދަތުރުކުތަކެއް ކުރުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅު ގޮވައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް އެ މުއައްސަސާގެ ލޯންޗްގައި ދަތުރުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރެގައި ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމަ އަށް ލިޔެގެން ބަލަހައްޓާފައި ނުވުމާއި ދަތުރު ރިޕޯޓް ހުސައަޅާފައި ނުވުމުގެ އިތުރުން ނަގުދު ފައިސާ ހަވާލުކުރެއްވުމުގަޔާއި ބާކީވާ ފައިސާ ހޯދެއްވުމުގައި ފަރުވާކުޑަކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.