09 Oct 2010, 15:08
ހދ. ނައިވައިދޫގައި ވޯޓު ގުނަން ހުރަސް އެޅުމުން ދިމާވި މައްސަލަތައް ހައްލުކޮށް ވޯޓު ގުނަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ރަށުގައި ވޯޓު ގުނަން ފެށީ މީގެ ދޮޅުގަޑިއިރެއްހާއިރު ކުރިން ކަމަށެވެ. އެ ފޮށި ގުނަން ފަށާފައި ވަނީ މައްސަލަ ޖެހުނު ފަރާތަށް ވޯޓުލާން ފުރުސަތު ނުދީ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ވޯޓު ގުނަން ފެށީ ވޯޓުލުމުގައި މައްސަލަ ދިމާވި ފަރާތާއި ވޯޓު ގުނުމަށް ހުރަސް އެޅި ފަރާތްތައް ފުލުހުން އެއްފަރާތް ކުރުމަށް ފަހުގައި ވެެއެވެ.
ނާވައިދޫ ވޯޓު ފޮށިގެ ގުނުމަށް ހުރަސް އެޅުނީ މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑެއް ހިފައިގެން، މީހަކު ގޮސް ވޯޓުލާން މަސައްކަތް ކުރުމުން އެ ސަރަހައްދުގައި ތިބި އޮފިޝަލުން އެކަމަށް ހުރަސް އެޅުމުންނެވެ.
"އޭނަ އެކާޑު ބޭނުންކޮށްގެން ވޯޓުލާން މަސައްކަތްކުރީ އެހެންނަމަވެސް އެތާ ތިއްބެވި އޮފިޝަލުން ވިދާޅުވީ މިފަހަރަކު ހަމަޖެހިފަކާ ނުވޭ މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑު ގަބޫލުކުރެވޭ ގޮތަކަށް" ކޮމިޝަންސްގެ ރައީސް ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ އެހިސާބުން ވޯޓު ފޮށި ބަންދު ކުރުމުން ބަޔަކު އައިސް ވޯޓު ގުނަން ހުރަސް އެޅީ ކަމަށެވެ.