ޓެލެކޮމިއުނިކޭޝަނާއި އިންފޯ ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އާ އުފެއްދުންތަކާއި އެ ދާއިރާގައި އިން ލިބެން ހުރި ހިދުމަތްތައް ދައްކާލައި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވުމަށް 2008 ވަނަ އަހަރު ފެށި ޓެލެކޮމް އެންޑް އައިސީޓީ އެކްސްޕޯ ތިން އަހަރު ވަންދެން މެދުކެނޑިފައި އޮތުމަށް ފަހު އަލުން ލޯންޗް ކޮށްފި އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެ މައުރަޒު މި އަހަރު އަލުން ލޯންޗް ކުރީ ރިބްރޭންޑްކޮށް، "ކަނެކްޓް"ގެ ނަންދީފަ އެވެ.

ޓްރޭޑާސް ހޮޓަލުގައި މިރޭ އޮތް ހަފުލާއެއްގައި އެކްސްޕޯ ލޯންޗްކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ރެގިއުލޭޓަރީ ބޯޑްގެ ޗެއާމަން މޫސާ ސޯލިހު އެވެ.

ކުރިއަށް ތިން އަހަރު ވެސް އެކްސްޕޯ ބޭއްވުމަށް ހަވާލުކޮށްފައިވާ އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެކަމުގެ ލިއުން ހަވާލުކުރުން ވެސް މިރޭގެ ހަފުލާގައި އޮތެވެ. އަސަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު މުއީނާއާ އެ ލިއުން ހަވާލުކޮށްދެއްވީ މޫސާ ސޯލިހު އެވެ.

އެކްސްޕޯއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެކްސްޕޯގެ މަގުސަދަކީ ރާއްޖޭގައި ތިބި އައިސީޓީ ދާއިރާގެ ކުންފުނިތަކާއި އަލަށް އުފެދެމުން އަންނަ ކުދިންނަށް ފުރުސަތުތައް ހޯދައި ދިނުން ކަމަށެވެ. އެގޮތުން މި ފެއާގައި ފަސޭހައިން ބައިވެރިވެވޭނެ ލުއި ގޮތްތައް އެފަރާތްތަކަށް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަނެކްޓް އެކްސްޕޯ ކުރިއަށް އޮތް ތިން އަހަރު ވެސް ބޭއްވުން އަސަރީ ސާވިސަސްއާ ހަވާލު ކުރީ އެކްސްޕޯ ބާއްވާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅީ އެކުންފުނިން ކަމަށް ވާތީ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ހަފުލާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެކްސްޕޯ ބޭއްވުން އަސަރީ ސާވިސަސްއާ ހަވާލު ކުރީ އެކަމަށް ހިނގާ ހަރަދެއް އެކުންފުނިން ކުރާ ގޮތަށް ކަމަށެވެ.

" ... މިކަމަށް ޓަކައި ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް، އިވެންޓް މެނޭޖްކުރާ ފަރާތުން ހުރިހާ ހަރަދެއްކޮށް، އަދި އެ ބޭފުޅުންނަށް ލިބޭ ފައިދާއިން ކޮންމެވެސް މިންވަރެއް އަޅުގަނޑުމެންނާ ހިއްސާ ކުރާ ގޮތަށް މިކަން ރޭވިފައި މިއޮތީ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

އެކްސްޕޯ ބޭއްވުމާ ހަވާލުވި އަސަރީ ސާވިސަސްގެ މެނޭޖިން ޑައިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ ކާމިޔާބު ކަމާ އެކު އެކްސްޕޯ ކުރިއަށް ގެންދެވޭނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

އަދި ވިދާޅުވީ ފެއާގެ އަގުތައް ހުންނާނީ ވަކިވަކި ފަރުދުންނަށް ވެސް ބައިވެރިވެވޭ ފަދަ ލުއި ގޮތަކަށް ކަމަށެވެ.
އަސަރީ ސާވިސަސް އިން ބުނީ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 28 އިން 30 އަށް ކަމަށާއި އެހެން ނަމަވެސް ފެއާގައި ބައިވެރިވުމުގެ ފުރުސަތު މިހާރުން ފެށިގެން ވަނީ ހުޅުވާލާފައި ކަމަށެވެ.
ޓެލެކޮމް އެންޑް އައިސީޓީ އެކްސްޕޯ މިދިޔަ އަހަރުތަކުގައި ނުބޭއްވީ ދުނިޔޭގެ އިގުތިސާދަށް އައި ހީނަރުކަމެއްގެ ސަބަބުން އެފަދަ ކަމެއްގައި ބައިވެރިވުމަށް ކުންފުނިތަކުން އުޒުރުވެރި ވުމުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ބުންޏެވެ.