11 Feb 2013, 22:11
ތިން ހާހަށް ވުރެ ގިނަ ޓޫރިސްޓުންނާއި 1000 އަށް ވުރެ ގިނަ ފަޅުވެރިންނާ އެކު މެކްސިކޯ ބޭރުން ދަތުރުކުރަމުން ދިޔަ ފަސިންޖާލައިނާ، "ކާނިވަލް ޓްރަޔަމްފް"ގެ އިންޖީނު ރޫމުގައި ރޯވެ އިންޖީނު ފެއިލުވުމުން އޭގެ އިން ދަތުރު ކުރި ޓޫރިސްޓުންގެ ޗުއްޓީ ހަރާބުވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނީ ޔުކަޓާން ޕެނިންސޫލާގެ 150 މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް ފަަސިންޖާލައިނާގެ އިންޖީނު ރޫމުގައި މިއަދު އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގެ އިންޖީނުތައް ފެއިލްވެފައިވާ ކަމަށެވެ.
އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ބޯޓުން ކަރަންޓް ލިބެމުންދަނީ އެމާޖެންސީ އިންޖީނަކުން ކަމަށާއި އެހެންކަމުން ބޯޓުގެ ބުރަފަތިތައް މަސައްކަތް ނުކުރާ ކަމަށް ސީއެންއެން އިން ބުންޏެވެ.
އެމެރިކާގެ ޓެކްސަސް އިން ފެށި ކުރޫސް ދަތުރު، މެކެސިކޯގެ ކައިރީގައިވާ ރަށްތަކަށް ދިޔުމަށް ފަހު ނިންމާލަން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި މިއަންނަ ބުދަ ދުވަހުގެ ހެނދުނު މެކްސިކޯގެ ޕްރޮގްރެސޯ ބަނދަރަށް ބޯޓަށް ވަދެވެންދެން ޕަސިންޖަރުންނާއި ފަޅުވެރިންނަށް ބޭނުންވާ ވަރަށް ފެނާއި ކާބޯތަކެތި ބޯޓުގައި އެބަހުރި ކަމަށް ކާނިވަލްގެ އޮފިޝަލުން ބުނެ އެވެ.
ބޯޓުގެ އިންޖީނު ރޫމްގައި ރޯވުމުން ޓަގެއްގެ އެހީގައި މެކްސިކޯގެ އެެންމެ ކައިރީގައި އޮންނަ ރަށަށް ގެންދިއުމަށް ޓަގެއް ދަނީ މިހާރު ދަތުރުކުރަމުންނެވެ.