އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިބްތިހާބުގެ ދެވަނަ ބުރުގައި އިލެކްޝަންސް ކޮމިޝަނަށް މާސްޓާ ޓުރެއިނަރެއް ހަމަޖެއްސުމުގައި އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ހަބީބު އަބްދުއްރަހީމް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ މާސްޓާ ޓުރެއިނަރެއްގެ މަގާމަށް މުވައްޒަފަކު ހަމަޖައްސާފައި ވަނީ އިއުލާން ކޮށްގެންކަމަށާއި އެއީ ވަގުތީ ގޮތުން ހަމަޖެއްސި މުވައްޒަފެއް ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ކޮމިޝަންގެ ހުއްދައަކާ ނުލައި އެ މަގާމަށް މުވައްޒަފަކު ހަމަޖެއްސި ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މަގާމަށް މުވައްޒަފަކު ހޯދާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސެކްޓޭރިއޭޓްގެ އެންމެ އިސްފަރާތަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް އެ ކޮމިޝަންގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މާސްޓާ ޓްރެއިނަރަކަށް ހަމަޖައްސާފައިވާ ފަރާތަކީ ހުރިހާ ގޮތަކުން ވެސް އެކަމަށް ޝަރުތު ހަމަވާ މީހެއް ކަން އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

"... އިސްމާއިލް ހަބީބު އަބްދުއްރަހީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ވަޒީފާ ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ސާބިތުވާ ފަދަ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ތަހުގީގަށް ލިބިފައި ނުވާތީ، މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ޒާތުގެ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ މި ކޮމިޝަނުން ނިންމައިފީމެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.