11 Feb 2013, 18:49
ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނަށް އެހީވުމުގެ ގޮތުން ޑީއާރުޕީގެ އަންހެނުންގެ ގޮފިން ބާއްވާ ފަންޑް ރައިޒިން އިވެންޓްގައި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ބައިވެރި ވާ ގޮތަށް ނިންމައިފައިވާ ކަމަށް ޑީއާރްޕީ އިން ބުނެފިއެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ފަންޑްރައިޒިން އެ އިވެންޓްގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތުޕާޓީ އާއި ގައުމީ ޕާޓީ އާއި އެމްޑީއޭ އިންވެސް ބައިވެރިވާން އެޕާޓީތަކުން ނިންމާފައިވާ ކަން އެ ޕާޓީތަކުން ކަށަވަރުކޮށް ދީފައި ވާ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ދައުވަތު ދީފައިވާއިރު އެއްވެސް ޕާޓީއަކުން ބައިވެރިނުވެވޭނެކަމަށް މިހާތަނަށް ނާންގާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނުން މިއޮތީ ވީހާ ވެސް ހަރަދު ކުޑަކޮށް އަތުން އެއްޗެއް ނުގޮސް ވީހާ ވެސް ގިނަ ފައިސާއެއް އަޅުގަނޑުމެނަށް ރައިޒް ކުރެވޭގޮތަށް އަޅުގަނޑުމެންގެ ޕުލޭންތަށް ރޭވުން." ރޮޒައިނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ރާވާފައިވޭ އެހިޔާގައި އުޅޭކުދިންނަށް މަޖާ ހިތް ހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް، އަދި ހަމަ އެހެންމެ ދިރާގާއި ވާހަކަދައްކައިގެން އަޅުގަނޑުމެން ހިންގާން ގަސްތުކުރާ އިވެންޓަކީ ޓީވީއެމް ނުވަތަ ދެން ވެސް އަޅުގަނޑުމެންނާ އެކީ ބައިވެރިވާ ޗެނަލްތަކެއް މެދުވެރިކޮށް މިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށްދާއިރު ޕުރޮގުރާމެއްގެ ތެރެއިން އެސްއެމްއެސް ފޮނުވައިގެން އެ އެސްއެމްއެސް އިން ލިބޭ ފައިސާ މި ކަމުގެ ފަންޑްރައިޒްގެ ގޮތުގައި ލިބޭގޮތަށް ހެދުމަށް،" ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަންޑް ރައިޒިން އިވެންޓްގައި ގިނަ ސިޔާސީ ޕާޓިތަކުން ބައިވެރިކުރަނީ އެއީ ސިޔާސީ ކުލައެއް ޖެހިގެން ކުރިއަށް ނުގެންދާ އެކަމަކު ވެސް ސިޔާސީ ފަރާތްތަކުން ގުޅިގެން ކުރިއަށްދާ ގައުމީ ހަރަކާތަކަށް ހެދުމަށްޓަކައި ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ސިޔާސީ ޕާޓިތަކުގެ އިތުރުން ބައެއް އެންޖީއޯސް ކަމަށްވާ ހޯޕް ފޯ ވޮމެން އާއި ކެޕްސްގެ އިތުރުން ސުވޯޑްއާއި އެލްކިއު ސުޕޯޓްއިސް ވެސް އެ އިވެންޓްގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެ ހަރަކާތްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަން ރޭ 9:00 ގައި ޑީއާރްޕީ އޮފީހުގައި ބާއްވާ ބައްދަލުވުމަށް ގޮސް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެފަންޑް ރައިޒް ޕުރޮގުރާމްގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ބާއްވާނެ ދުވަހެއް ނިންމާނީ އެފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.