އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއި އެކު ކުރީ ސަރުކާރުކާރުން ވެފައިވާ އެއްބަވުން އިއާދަކޮށް ޖީއެމްއާރާ އެއާޕޯޓު ހިންގުން ހަވާލު ކުރުމަކީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ފުރިހަމަކަން ގެނައުމަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު މެންދުރު ފަހު މާލެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލު ކުރެއްވުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރާ އެކު ޖީއެމްރުން ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގައި އިންޑިޔާގެ އިސްވެރިނާ "ވަރަށް ތަފްސީލްކޮށް" ވާހަކަ ދެކެވިފައިވާ ކަމަށެވެ.

"ވަރަށް ތަފްސީލުކޮށް ވާހަކަ ދެކެވުނު. އެ ބޭފުޅުން ދެކޭ ގޮތުގައި ޖީއެމްއާރު ކޮންޓްރެކްޓް އަނބުރާ އިއާދަ ކުރުމަކީ ރާއްޖެ އާއި އިންޑިޔާއާ އޮތް ގުޅުން ފުރިހަމަ ކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެން ވެސް ތާއީދު ކުރަނީ އެ ގޮތް،"

ނަޝީދު ވިދާޅުވީ އިންޑިޔާގެ ޖީއެމްއާރާ އެކު ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމާ މެދު އަލުން އިތުރަށް ވިސްނައި އެ އެއްބަސްވުން އަލުން އިއާދަ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.