ޕާކިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މާދާމާ ރޭ ކުޅޭ މެޗް ފަސޭހަ ނުވާނެ ކަމަށް ދިވެހި ޓީމުގެ ކޯޗް ހަންގޭރީގެ އިސްޓަވާން އުރުބާނީ ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ޓީމާ އެކު ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅުމަށް މިއަދު މާލެ އައި ޕާކިސްތާންގެ ގައުމީ ޓީމާ ދެކޮޅަށް ގައުމީ ޓީމް މާދަމާ ރޭ 9:00 ޖަހާ އިރު ކުޅޭ ފުރަތަމަ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ކޯޗް އުރުބާނީ ބުނީ، ޕާކިސްތާނު މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި އެ މެޗުން މޮޅުވުމަށް ދިވެހި ޓީމުން ވަރަށް މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ. އަދި ފާއިތު ވި ދުވަސްތަކުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުތަކުން ލިބުނު ކާމިޔާބީތައް ތަކުރާރު ކުރުމަށް މާދަމާގެ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށް ވެސް އުރުބާނީ ބުންޏެވެ.

މާލޭގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މީގެ ކުރިން ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ . އެފަހަރު ފާކިސްތާން އަތުން ރާއްޖެ ކުރި ހޯދީ 3-0 ލަނޑުންނެވެ. އަދި 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖްގައި ވެސް ޕާކިސްތާން ވަނީ ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.

"ޕާކިސްތާން މެޗަކީ ފަސޭހަ ކޮށްލެވޭނެ މެޗެއްނޫން. އެކަމަކު ރާއްޖެ ޓީމާ މެދު ވަރަށް އުންމީދު އެބޮތް. އަހަރުމެން ކުޅޭނީ ކޮންމެހެން އެޓޭކިން ނޫނީ ޑިފެންސް ގޭމެއް ނޫން. އަހަރުމެން ކުޅޭނީ މޮޅުވާން. މީގެ ކުރިން ވެސް މާލޭގައި އަހަރުމެން ވާނީ ޕާކިސްތާން އަތުން ކާމިޔާބު ހޯދައިފަ. އެކާމިޔާބު ތަކުރާރު ކުރާން ބޭނުން" ގައުމީ ކޯޗް އުރުބާނީ ބުންޏެވެ.

ގައުމީ ކޯޗް އުރުބާނީ ބުނީ، ޕާކިސްތާންގެ ޓީމުގައި ޖެހިލުން ވާވަރުގެ ކުޅުންތެރިޔަކު ނުހުންނާނެ ކަމަށާއި އެގޮތުން މާދަމާރޭގެ މެޗަށް ނުކުންނަ ފުރަތަމަ 11 ކުޅުންތެރިންނަކީ މި ވަގުތަށް ޓީމުން ނެގޭން އޮތް އެންމެ ރަނގަޅު 11 ކުޅުންތެރިން ކަމަށެވެ. އަދި އެ ކުޅުންތެރިންނާ މެދު ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށާއި، މި ފަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ގައުމީ ސްކޮޑާ ދޭތެރޭ ވެސް ވަރަށް ހިތް ހަމަ ޖެހޭ ކަމަށް އުރުބާނީ ބުންޏެވެ.

އަންނަ މަހު އޮންނަ ޗެލެންޖް ކަޕް ކޮލިފައިންނަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނަގާފައިވަނީ 17 ކުޅުންތެރިންގެ ސްކޮޑެކެވެ. އަދި ޕާކިސްތާނުގެ ޓީމް މާދަމާ ރާއްޖެއާ ދެކޮޅަށް ނިކުންނައިރު އެ ޓީމުން ވަނީ ނޭޕާލްގެ ގައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ވެސް ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅެފައެވެ. އެ ދެ މެޗު ވެސް ޕާކިސްތާން ޓީމުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ގައުމީ ޓީމުގެ މެނޭޖަރު ސަލްސާ އާމިރު ވިދާޅުވީ، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި އެ ކުޅުންތެރިޔާ އަކީ ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ޓީމަށް ސަޕޯޓް ކުރެއްވުމަށްޓަކައި ދަނޑަށް ވެދެވަޑައިގަންނަވާ ކުޅުންތެރިޔާ ކަމަށެވެ. އަދި ޓީމަށް އެންމެ ބޭނުން ވަނީ ވެސް ދިވެހި ސަޕޯޓަރުންގެ "ހިތްވަރު ގަދަ ސަޕޯޓް" ކަމަށާއި އެގޮތުން މާދަމާރޭގެ މެޗުގައި ވެސް ޓީމަށް ސަޕޯޓް ކުރުމުގައި ކުޅިވަރުގެ ރޫހާ އެއް ގޮތަށް ސަޕޯޓް ކުރުމަށް އާމިރު ދިވެހި އެންމެހާ ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވި އެވެ.

"ޓީމުގެ އެންމެ ބޮޑު އެދުމަކީ ވީހާ ވެސް ގިނަ ބޭފުޅުން ޓީމަށް ސަޕޯޓް ކުރެއްވުމަށްޓަކައި ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ދަނޑަށް ވަޑައިގަތުން. އަންހެން ބޭފުޅަކު ވިޔަސް އަދި ފިރިހެން ބޭފުޅަކު ވިޔަސް. ދިވެހި ޓީމުގެ ހިތްވަރަކީ ދިވެހި ސަޕޯޓަރުން." އާމިރު ވިދާޅުވި އެވެ.

ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ ރަހުމަތްތެރިކަމުގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހި ފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޓިކެޓް އިއްޔެ ވަނީ ގަލޮޅު ދަނޑުން ވިއްކަން ފަށައިފައެވެ. އެގޮތުން ޓިކެޓުގެ އަގުތަކީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.