ޤާހިރާ (ފެބްރުއަރީ 11): މިސްރަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެގައުމުގެ ސިޔާސީ މަސްރަޙުގައި ހިމެނޭ ހުރިހާ ފަރާތްތަކާއި ސަރުކާރާ ދެމެދު ސީރިޔަސް ވާހަކަތައް އަވަހަށް ފެށުމަށް އެމެރިކާ ގޮވާލައިފި އެވެ.

މިކަމަށް އެމެރިކާ ގޮވާލާފައި ވަނީ އެގައުމަށް މިހާރު ވަޑައިގެންއުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރުގެ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ ކަންތައްތަކާ ބެހޭ އެހީތެރިޔާ މައިކަލް ބޯޒްނަ އެވެ. ބޯޒްނަ ވަނީ ޤާހިރާގައި މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރޫ އާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ބޯޒްނަރ ވިދާޅުވީ މައްސަލަ ޙައްލުކުރުމަށް މިސްރުގެ ސިޔާސީ ހުރިހާ ފަރާތްތަކަކުން ރައީސް މުހައްމަދު މުރުސީގެ ސަރުކާރާއެކު ޙަޤީޤީ މަޝްވަރާތަކެއް ކޮށްގެންމެނުވީ މިސްރުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމުގަ އެވެ.

މިސްރަށް ޑިމޮކްރަސީ އަންނަމުން މިދާ ދުވަސްވަރުގައި މިސްރުގެ ސިޔާސީ ފަރާތްތަކުގެ ޚިޔާލުތައް ތަފާތުވެ ކޮންމެ ބަޔަކުވެސް އެބައެއްގެ ގޮތުގައި ކުރިޔަށްދިޔުމުގެ ސަބަބުން މިސްރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. މިސްރުގައި ކުރިންއޮތް އެމެރިކާގެ މަސްލަޙަތު ޙިމާޔަތްކޮށްދޭ ކުރީގެ ރައީސް ޙުސްނީ މުބާރަކުގެ ސަރުކާރު ވެއްޓި އެމެރިކާ ބޭނުންނުވާ ފަރާތެއް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތަށް މިސްރުގެ ވެރިކަން ލިބުމުން މިސްރުގެ މިހާރުގެ ވެރިކަމަށް އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެހީތެރިވުމުގައި ފަހަތަށް ޖެހޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ.

މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 50 އަށްވުރެ ގިނަމީހުން މަރުވެއެތަށްސަތޭކަ ބަޔަކު ޒަޚަމްވެފައިވެ އެވެ. ހަމަނުޖެހުންތައް ހިންގާ ފަރާތްތަކުން ގެންދަނީ ގަސްދުގައި ފުލުހުންނަށާއި ސަލާމަތީ ބާރުތަކުގައި ހިމެނޭ އެހެން ފަރާތްތަކުގެ އިތުރުން ސަރުކާރުގެ އިމާރާތްތަކަށް ވެސް ޙަމަލާދީ ހަމަނުޖެހުންތައް ފުޅާކުރަމުންނެ އެވެ. ހަމަލާދިނުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ޕެޓްރޯލް ބޮމާއި މޮލްޓޯވް ކޮކްޓެއިލް އާއި އޮއްގާ ހިމެނެ އެވެ. (އަލްޖަޒީރާ)